"ފެއްސާ ރަތާ ހުދާ ހުރި ދިދައަށްވަމާހެ ގުރުބާން، ނަސްރާއި ނަސީބު ގައުމަށް ހޯދާށެ ދަރިވަރުންނޭ
ވަތަނުގެ ގޮވާލުމަށްވެސް މާދަން އިޖާބަ ދިނުމަށް، ބަތަލުންގެ ބައި ކުޅެންވީ ތިޔަލޯބި ކުޑަކުދިންނޭ
ފުރިހަމަވި ކާމިޔާބާއި ހުރިހާ މޮޅެއްމެ ހޯދަން، ކުރި ހިތްވަރެއް ކުރަންވީ އަމަލާއި ތެދުބަހުންނޭ
މިނިވަންކަމާއި ސިޔާދަތު ރައްކާކުރާށެ ދީބުގެ، މިނިވަންކަމެއް ނެތިއްޔާ ގައުމެއްނެތޭ ދަރިންނޭ"
މަތީގައި އެވަނީ މީގެ އަހަރުތަކެއް ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޅެން ހައްދަވައި ލަވަކިޔުންތެރިޔާ އުމަރު ޒާހިރުގެ އަޑުން ކިޔާދެއްވާ އަޅުގަަނޑުމެންނާ ހަމައަށް ފޯރުކޮށްދެއްވާފައިވާ މާނަފުން ލަވައެކެވެ. ދެބަހެއް ވެވެން ނެތް ހަގީގަތެކެވެ. މިނިވަން ކަމެއް ނެތިއްޔާ ގައުމެއްނެތެވެ. އެމިނިވަންކަން ދިފާއުކުރެވޭނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކުގައި ހިފައިގެން ތެދުވެރިކަމާއިއެކު، ގައުމުގެ މަސްލަހަތު ކުރިއަށް ނެރެގެންނެވެ. މިއީ އަމަލުން މިއަދު ނުދެއްކުނު ކަމުގައި ވިޔަސް އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. އެނބުރެމުންދާ އެހެން ހުރިހާ ކުލައަކަށް ނޫނެކޭ ބުނެ ފެއްސާއި ރަތާއި ހުދު ހިޔާރުކޮށްގެންނެވެ. އެއީ މިދިޔަ އަހަރުގެ މިދުވަހުވެސް އަޅުގަނޑު ދެއްކިވާހަކައެވެ. އެވާހަކަ މިއަދު ބާއްވާލުމަށްފަހު މިމަސްތެރޭގައި އަޅުގަނޑަށް ކުރެވުނު މިއަދާއި މުނާސަބު ވާހަކައެއް ހިއްސާކޮަަށްލާނަމެވެ. އަޅުގަނޑަށާއި އަދި އެހެން ފަރާތަކަށް ވަކިން ހާއްސަކޮށް ގައުމަށް ފައިދާއެއްކޮށްފާނެ ކަމުގެ އުއްމީދުގައެވެ.
މިމަހުގެ 3 ވަނަ ދުވަހު ކަންދިމާކުރި ގޮތުން އަޅުގަނޑަށް ހުރެވުނީ ޔޫރަޕުގެ ގައުމެއްގައެވެ. އެދުވަސްވީ އެމީހުންގެ މިނިވަން ދުވަހަށެވެ. ސަރުކާރު ބަންދެވެ. މަގުތައްމަތީގައި އެމީހުންގެ ގައުމީ ދިދަތައް ދަމާލާ ޖަރީކޮށްލާފައި އޮތެވެ. ސިޓީގެ ބޮޑެތި "ސްކުއާރ" ތަކުގައި ދުވަހާއި ގުޅުންހުރި އެކި ހަރަކާތްތައް ބޭއްވުނެވެ. ކުދި ބޮޑު ގިނަބަޔަކު ގައުމީ ހެދުމުގައްޔާއި އެމީހުންގެ ދިދަ ހިފައިގެން މަގުތައްމަތީގައި އުފާ ފާޅުކުރިއެވެ. އެމީހުންގެ އާދަކާދައާއި ގުޅުންހުރި އެކިކަންތައްތައް ދައްކުވާދޭ މޭޒުތަކާއި ސްޓޯލްތައް އެކިދިމަދިމާލުގައި ބެހެއްޓިފައި ހުއްޓެވެ. މިހުރިހާކަމަކީ މީގެ 10 ވަރަކަށް އަހަރު ކުރިއާ އެއް މިނެއްގައި ނެތް ނަމަވެސް އަދިވެސް އަޅުގަނޑުމެންވެސް ކޮށް އުޅޭ ކަންކަމޭ ބުނެވިދާނެއެވެ. މިހުރިހާ ކަމަކަށްވުރެ އަޅުގަނޑަށް ފާހަގަވީ އެމީހުންގެ ޒުވާން ޖީލު އެމީހުންގެ ތާރީހަށް ފަރިތަ މިންވަރެވެ. އުމުރުގެ ގޮތުން ހަގު ޒުވާނުންވެސް އެމީހުންގެ ތާރީހުގެ ސަފުހާތައް އެކި އަހަރުގެ ތާރީހުތަކުން ފެށިގެން އެކި ހާދިސާތައް ސިފަކޮށްލަދިން ތަފްސީލުކަމުން އެއީ އެމީހުން ދުނިޔެއަށް އުފަންވުމުގެ އެތަކެއް އަހަރުކުރިން ހިގާފައިވާ ކަންތައްތަކެއް ހެނެއް ހީއެއްނުވެއެވެ. އެމީހުންވެސް އެކަންތައް ތަޖުރިބާކުރި ފަދައެވެ. ގައުމީވަންތަކަމާއި ވަތަނީ ލޯބި އެމީހުންގެ ލޯތަކުން ވިދާބަބުޅާތަން ފެނުނެވެ.
އެއީ ޔަގީނުންވެސް އަޅުގަނޑުމެންގެ ހާލެއްނޫނެވެ. ހުދު އަޅުގަނޑުމެންނަށްވެސް އަޅުގަނޑުމެންގެ ތާރީހެއް ރަގަޅަކަށް ނޭގެއެވެ. މިނިވަން ދުވަހަކީ ކޮންދުވަހެއްކަން ސްކޫލުގެ ކޮންމެވެސް ފޮތެއްގައި އޮތަތީ އެގިދާނެއެވެ. އެދުވަހު ސްކޫލާއި، ސަރުކާރު ބަންދުވިޔަތީ، ފުޅަނދުބުރު އޮތަތީ އަދި ހަވާއަރުވާތީ އެއީ ޖުލައިން 26 ކަން އެބައެގެވެ. އެހެނެއްކަމަކު 1887ވަނަ އަހަރުގެ ޑިސެންބަރު 16 އިން ފެށިގެން 70 އެތައް އަހަރެއް ވަންދެން އިގިރޭސިންގެ އަޅުވެތިކަމުގެ ދަށުގައި ޖިޒީ ދައްކައިގެން ތިބެން ޖެހުމުން ދިރިއުޅެން ޖެހުނު ދަތި ދިރިއުޅުމުގެ ވާހަކަތަކާއި އިހުސާސްތައް އަޅުގަނޑުމެންނާއި ހިސާބަށް ވާސިލުވީ ވަރަށް ކުޑަ މިންވަރަކަށެވެ. 1965ގައި މިގައުމަށް މިނިވަންކަން ލިބުނުއިރު ކުޑަކުދިންނާއި ޒުވާނުންގެ ގޮތުގައި ތިބި އެތައް ބަޔަކު މިއަދުވެސް ދުނިޔޭގައި ތިއްބެއްކަމަކު، އެދުވަހު ކޮޅުނބުގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ދިވެހިން މިނިވަންވުމުގެ ލިޔުމުގައި ސޮއެ ކުރެއްވުމާއި ހިސާބަށް އެކުރި ދިގު ދަތުރުގެ ޒައްރެއްވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކަށް ނޭނގެއެވެ.
އެއީ އަހަރަކު އެއްފަހަރު ގެނެސްދޭ ޓީވީ ޕްރޮގްރާމަކުން، އަޑުއަހާލާ ގައުމީ ލަވައަކުން ނުވަތަ ބާއްވާލާ ޖަލްސާއަކުން އަދި ދަސްވެ ހިތުގައި ބިންވަޅު ނެގޭނެކަންކަމެެއް ނޫނެވެ. ސްކޫލުގެ ފޮތެއްގައި އޮންނަ އެންމެ ފިލާވަޅަކުންވެސް އެކަންކަމެއް ދަހެއްނުވާނެއެވެ. އެފަދަ ވާހަކަތަކަކީ އެއް "ޖެނެރޭޝަން" އަކުން އަނެއް "ޖެނެރޭޝަން" އަކަށް ގިނަގިނައިން ކިޔާދޭވިގެން، ގޭގޭގެ ސިޓިންރޫމްތަކާއި ކާމޭޒުދޮށުގައި އެމިނިވަންކަން ނެތި ދިއުމުން އުޅެން ޖެހުނު ނިކަމެތި ދިރިއުޅުމުގެ ވާހަކަ ކިޔާދެވިގެން އެނގޭނެކަންކަމެވެ. މި މިނިވަންކަން ނެތި ހިނގައްޖެނަމަ ވާނެ ގޮތް ތަކުރާރުކޮށް ކިޔައިދޭންވާނެއެވެ. މިނިވަންކަމެއް ނެތިއްޔާ ގައުމެއްނެތްކަން ތާއަބަދުވެސް އިހްސާސްކޮށްދެވެން އެބަޖެހެއެވެ. މީގެން އެއްވެސްކަމެއް އަޅުގަނޑުމެންގެ ފަރާތުން ދެން އަންނަ ޖީލަށް ވާސިލު ކޮށްނުދީ މާދަމާ އަޅުގަނޑުމެންގެ ދަރިންނަށް "ހަވާލޭ ވަތަން ލޯބިވާ" އޭ ބުނެ މިގައުމުގެ ހުންގާނު ހަވާލުކުރިއަކަސް ރަނގަޅު މިސްރާބަށް ގެންދަން އެދަރިންނަށް އެނގޭނެ ހެއްޔެވެ؟ މިނިވަންކަމަކީ އަދި ގައުމީ ރޫހަކީ ކޮބާކަން ނޭނގޭނަމަ ފެއްސާއި ރަތާއި ހުދާހުރި ދިދައަށްޓަކާއި ގުރުބާންވެ މިބިމަށްޓަކައި ލޭ އޮހޮރުވާލަން ކެރޭނެ ހިތްވަރު ލިބޭނެހެއްޔެވެ؟ ވަތަނުގެ ގޮވާލުމަށް އިޖާބަދޭން އެގޭނެހެއްޔެވެ؟
އެހެންކަމުން މިފަދަ ދުވަހެެއް ފާހަގަކުރަމުން ދާއިރު އަމިއްލަ ނަފްސަށް އަޅުގަނޑުމެންގެ އަމިއްލަ ގައުމުގެ ތާރީޙާއި އޭގެން ލިބިދޭ ފިލާވަޅުތައް އެނގެނީ ކިހާވަރަކަށްތޯ ވަޒަންކޮށްލާ، މައުލޫމާތު ހޯދާ އެ މައުލޫމާތާއި އެވާހަކަތައް އަޅުގަނޑުމެންގެ ދަރިންނާ ހިއްސާކުރުން މުހިއްމުނޫންހެއްޔެވެ؟ އެކުދިންނަށް މިގައުމުގެ މޫ ތަކުގައި ހިފަހައްޓާ ދީނާއި ގައުމުގެ އިސްތިޤްލާލް ދަމަހައްޓަން ދަސްވާނީ އޭރުން ނޫންހެއްޔެވެ؟ މާދަމާއަށްޓަކައި ގައުމީ ޖޯޝާއި ލޭ ހިނގާ އެތަކެއް ބޮޑު ތަކުރުފާނުންނާއި، ދޮަންބާޑަރައިންނަކާއި، ހުސެއިން އާދަމުންނަކާއި، އަލިރަސްގެފާނުންނެއް އުފެއްދުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ނޫންހެއްޔެވެ؟ އަޅުގަނޑުމެންގެ ދަރިން މާދަމާ މިގައުމު ބަލަހައްޓަން ތައްޔާރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްނޫންހެއްޔެވެ؟ ސަރުކާރެއްގެ އެކަނި ޒިންމާއެއްހެއްޔެވެ؟ މިނިވަން ދުވަހާއި ބައްދަލުވި ހިނދު ދުޢާއަކީ
"އިލާހީ މިބިން ކުރައްވާދޭ އަމާން، މިއަޅާގެ އުފަން ދިވެހިންގެ މި ބިން
ތިބާ ހަޒުރަތުން އޮހޭ މަދަދުން ފިލާ ނުމެދާ ދިވެހިންގެ މިބިން
މިގައުމުގެ ކާބަފައިންގެ ލެޔާ، އެކަށިތައް އެކުވެދިޔަ ވެއްޔާ
މިއަށްވުރެ ވަކި އަޒީޒުތަނެއް ނުވާ މިއަޅާ އުފަންވި ހިޔާ
ތިޔަ މަތިވެރި ރަހްމަތުގާ ލައްވާ، ބަރަކާތުގެ ވާރޭވެއްސަވަމުން
އިލާހީ މިބިން ކުރައްވާދޭ އަމާން، މިއަޅާގެ އުފަން ދިވެހިންގެ މި ބިން
ތިބާ ހަޒުރަތުން އޮހޭ މަދަދުން ފިލާ ނުމެދާ ދިވެހިންގެ މިބިން"