Ad

ސަލާގެ ހެޓްރިކާއެކު ލީގެ ފުރަތަމަ މެޗުން ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު ފުުރަތަމަ މެޗުގައި ލީގަށް އަލަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑް އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި  ރޭ ކުޅުނު މިމެޗުން އެޓީމު މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ވަނީ ފަސް ލަނޑު ފެނިގެން ގޮސްފައެވެ. މި މެޗުގައި އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލީޑްސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފަށައިގެން ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ލީޑު ނަގައިދިނީ މިސްރުގެ މުޙައްމަދު ސަލާހެވެ. މި ޕެނަލްޓީއަކީ ސަލާ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް އޭރިއާ ތެރެއިން ލީޑްސްގެ ރޮބިން ކޮހްގެ އަތުގައި  ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ. މި ގޯލަށް ފަހު ލިވަޕޫލަށް ލީޑު ހިފަހައްޓާލެވުނީ އަށް މިނެޓަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި ކަ ޖެކް ހެރިސަން ވަނީ ލީޑްސްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލިޑު ނެގީ 20 ވަނަ މިނެޓުގައެވެ. ރޮބަޓްސަން ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ލީޑްސްއިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. ވެން ޑައިކް ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ ޕެޓްރިކް ބަމްފޯޑެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަލާހު ކާމިޔާބުކޮށްދިން ލަނޑުން ލިވަޕޫލުން ވަނީ އަލުން ލީޑު ނަގާފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، 66 ވަނަ މިނެޓުގައި ހެލްޑާ ކޮސްޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މަޓެއުޒް ކްލިޗް ވަނީ ލީޑްސްއަށް އަލުން ލީޑު ނަގާދީފައެވެ. މި މެޗުން ލިވަޕޫލް މޮޅުވީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޕެނަލްޓީއަކުން ސަލާހު ފުރިހަމަކުރި ހެޓްރިކާއެކުއެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލްގެ ފަބީނިއޯއަށް ލީޑްސްގެ ރޮޑްރިގޯ މޮރޭނޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުން ހަނިގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަނުން މޮޅުވިއިރު، މިއީ ލީގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލުން ބަލިނުވެ ހަމަކުރި 60 ވަނަ މެޗެވެ. ލީގުގައި ލިވަޕޫލް ދެން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *