Ad

ވޯޓުލީ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ބުނީ "އިބޫ ނޫން ގޮތެއް" ބޭނުންވާ ކަމަށް!

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ހީކުރި ގޮތާ ހިލާފަށް ރައީސް ސޯލިހަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިލައްވަން ޖެހިވަޑައިގެންފައެވެ. ރިޔާސީ ޓިކެޓް ލިބުނު ވަގުތުން ފެށިގެން ރައީސް ސޯލިހު ވަރަށް އިތުބާރާއެކު ވިދާޅަމުން ގެންދެވީ މި އިންތިހާބު ކާމިޔާބުކުރައްވާނީ "އެެއް ބުރުން" ކަމަށެވެ. މިއަކު އެއްވެސް ޝައްކެއް ކުރާނެ ތަނެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކާއި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާ ފަރާތްތަކުން ބުނަމުން ގެންދިޔައީ "އިބޫ ނޫން ގޮތެއް" ބޭނުންވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކެމްޕެއިންގައި ރައީސް ސޯލިހާ ދެކޮޅަށް އެންމެ ބޮޑަށް ބޭނުންކުރީ މި ސްލޯގަންއެވެ. މިކަމަށް ރައްދުދިމުނުގެ ގޮތުން ރައީސް ސޯލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުން ގެންދިޔައީ" އިބޫ ނޫން ގޮތެއް ނެތް" ކަމަށެވެ.

ކޮންމެއަކަސް ރިޔާސީ އިންތިހާބުގެ ފުރިތަމަ ބުރު ނިމުނު އިރު ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86151 ވޯޓެވެ. އެއީ ވޯޓް ލީ މީހުންގެ 39.05 ޕަސެންޓެވެ. މާނައަކީ "ރައީސް ސޯލިހު ނޫން ގޮތެއް ނެތް" ކަމަށް ނުވަތަ ރައީސް ސޯލިހު "އޯކޭ" ކަމަށް ބުނީ 39.05 އިންސައްތަ މީހުންނެވެ.

ބާކީ ވޯޓުތައް ދިޔައީ ވާދަވެރި އެހެން ކެންޑިޑޭޓުންނަށެވެ. މާނައަކީ "އިބޫ ނޫން ގޮތެއް" ހޯދަންށެވެ. އެއީ ވޯޓުލީ މީހުންގެ ތެރެއިން 60.166 އިންސައްތައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 101613 ވޯޓް ހޯދައިގެން އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.06 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވެވީ ރައީސް ސޯލިހެވެ. އަދި 15835 ވޯޓާއެކު 3 ވަނަ ހޯއްދެވީ ދަ ޑިމޮކްރަޓްސްގެ އިލްޔާސް ލަބީބެވެ. އެއީ 7.18 ޕަސެންޓެވެ. 6341 ވޯޓާއެކު 4 ވަނައަށް އެންމެ ގިނަ ވޯޓް ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ. އެއީ 2.87 ޕަސެންޓެވެ. 22000 މީހުން ތިބި ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް މި އިންތިހާބުގައި ލިބުނީ އެންމެ 2.47 ޕަސެންޓެވެ. އެއީ 5460 ވޯޓެވެ.

އިންތިހާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން 6 ވަނައަށް އެންމެ ގިނަ ވޯޓް ލިބުނީ އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިޝް މައުމޫނެވެ. އެއީ 2979 ވޯޓެވެ. ޕަސެންޓުން ބަލާނަމަ 1.35 ޕަސެންޓެވެ. 1907 ވޯޓާއެކު އިންތިހާބުގައި ދެވަނައަށް އެންމެ މަދުން ވޯޓު ލިބުނީ އެމްއެންޕީގެ ކާނަލް މުހައްމަދު ނާޒިމްއަށެވެ. އެއީ 0.86 ޕަސެންޓެވެ. 327 ވޯޓާއެކު އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލެވެ. އެއީ 0.15 ޕަސެންޓެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ 282395 މީހުންގެ ތެރެއިން 225486 މީހުން ވަނީ ވޯޓުލާފައެވެ. މީގެތެރެއިން 220651 ވޯޓު ސައްހަވިއިރު ބާތިލްވެފައިވަނީ 4835 ވޯޓެވެ. އިންތިހާބުގައި ވޯޓު ނުދޭ މީހުންގެ އިންސައްތައަކީ 21 އެވެ. މިއީ ރާއްޖޭގައި ޕާޓީ ސިސްޓަމް އުފެދުނު ފަހުން ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން ވޯޓު ލީފަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *