Ad

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރި އަދަދު އިތުރުވެއްޖެ

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި އިންވެސްޓްކުރި ފޮރިން އިންވެސްޓްމަންޓުގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ފޮރިން އިންވެސްޓްމަންޓް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި ވަނީ 294،835 ޑޮލަރު ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 129،835 ޑޮލަރުގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ފޮރިން އިންވެސްޓްމަންޓް އެޑްމިނިސްޓްރޭޝަން ފީގެ ގޮތުގައި ލިބިފައިވަނީ 165،000 ޑޮލަރެވެ.

ރާއްޖޭގައި އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުން ފޮރިން އިންވެސްޓްމަންޓެއް ފެށުމުގެ ކުރިން އިދާރީ ފީގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާއަށް 5،000 ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ. މި ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 58 ވަރަކަށް ފޮރިން އިންވެސްޓްމަންޓުގެ މުއާމަލާތް ވަނީ ކުރެވިފައެވެ.

ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި އިންވެސްޓްކުރަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށެވެ.

ބޭރުގެ ފޮރިން އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމާއި އެފަރާތްތަކަށް ބޭނުންވާ ކަންކަން ކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ އޭޖެންސީއަކީ އިންވެސްޓް މޯލްޑިވްސްއެވެ.

ރާއްޖޭގެ އިގްތިސާދުގައި ބޭރުގެ ފަރާތްތައް ބައިވެރިކުރުވުމުގެ ގޮތުން ސަރުކާރުން ވަނީ ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅައި، ބޭރުގެ އިންވެސްޓަރުންނަށް ޝައުގުވެރިވާ ފުރުސަތުތައް ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *