Ad

ސަމަރު ބްލޫ އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި މޭސްތިރިއެއް: ނާއިބް ރައީސް

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ގެންނެވި އިންޤިލާބީ ބަދަލުތައް މިދާއިރާއިން މިހާރަށްވުރެ ބޮޑަށް ފެންނަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ސަމަރު ބްލޫ އިބްރާހީމް މަނިކު ދިވެހި ޤައުމަށް، ޚަޢްޞަކޮށް ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ކޮށްދެއްވި އަގު ނުކުރެވޭ އެކި ޚިދުމަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންޤިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވާފައިވާކަން ފާހަގަކުރައްވައި، އެދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަޙައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ނާއިބް ރައީސް ވަނީ މަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ޚިދުމަތްތައް މިއަދު ފާހަގަކުރަމުންދާ މިންވަރަށްވުރެ ބޮޑަށް މިދާއިރާއިން ފެންނަން ހުންނަންޖެހޭކަމަށް ވިދާޅުވެފައެވެ.

"އަބަދުވެސް ފާހަގަކުރެވުނީ އެއީ ކަމަށް ކަމޭ ހިތްތަވާއިގެން ޤައުމަށް އަދި ޒުވާނުންނަށް ކޮންމެވެސް ކަމެއް ކޮށްދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގައި. ޤައުމަށް މިފަދަ މުހިއްމު ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ ޒިކުރާ ހަނދާންކޮށް އައު ކުރަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.

މި ތަޢުބީންގެ ޖަލްސާގައި ޢާއިލާގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމް ވިދާޅުވީ، ސަމަރު ބްލޫ އިބްރާހީމަކީ ވަރަށްވެސް އާދަޔާ ޚިލާފު ބޭފުޅެއްކަމަށެވެ. ޤައުމީ ޚިދުމަތުގެ އިތުރުން އެއީ ޢާއިލީ ގުޅުންތަކާއި އެކުވެރިންނާއެކު ގާތްގުޅުމެއް އެންމެ ފަހު ދުވަހާއި ޖެހެންދެންވެސް ބެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ޢާއްބާސް ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އިބްރާހިމް މަނިކަކީ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމުގައި ލާމަސީލު ނަމޫނާއެއް. ޢާއިލީ ލޯތްބާއި ގުޅުމުގެ އަޅުގަނޑުމެން މިސާލެއްކަމުގައި ބަލަންޖެހޭކަހަލަ ބޭފުޅެއް." ޢާއްބާސް ވިދާޅުވިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ޢާއިލާއާއި ސަމަރު ބްލޫ ޚިދުމަތް ކުރެއްވި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މުވައްޒަފުން ބައިވެރިވެފައެވެ.

އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކުވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.

ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 72 އަހަރެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *