Ad

ދުނިޔޭގެ އެންމެ ހުނަރުވެރި އަދި ނުރައްކާތެރި ސްޕެޝަލް ފޯސްތައް އެނގޭތަ؟

މި ލިސްޓްކޮށްލަނީ ދުނިޔޭގެ އެންމެ ހުނަރުވެރި އަދި ނުރައްކާތެރި އަސްކަރީ ސްޕެޝަލް ފޯސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް މުހިއްމު ނަންތަކެވެ.

ނައިޓް ސްޓޯކާސް

މިއީ އެމެރިކާގެ އާމީ ފޯސްގައި ހިމެނޭ މުހިއްމު ބައެކެވެ. ބިންލާދިން އަތުލައިގަތުމުގެ އޮޕަރޭޝަނާއި މިނޫން ވެސް މިފަދަ ނުރައްކާތެރި އަދި ރޭވުންތެރި އެތައް ހަރަކާތެއް ނައިޓް ސްޓޯކާސް ޓީމުން ހިންގާފައިވެ އެވެ. މި ޓީމަކީ ތަފާތު ގިނަ ދާއިރާތަކަކުން އެންމެ މަތީ ތަމްރީނާއި ހުނަރު ހޯދާފައިވާ ބިރު ކުޑަ، ޖެހިލުން ކުޑަ، ޤާބިލު، ވިސްނުން ތޫނު، ހަރަކާތް އަވަސް ބައެކެވެ.

ދެހާސް އެއްވަނަ އަހަރުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ހިންގާފައިވާ މިޝަންތަކުގެ ތެރެއިން ރޭގަނޑު ހިންގާފައިވާ އެންމެ ނުރައްކާތެރި ގިނަ މިޝަންތަކެއް ލީޑުކޮށްފައިވަނީ ނައިޓް ސްޓޯކާސް ޓީމުންނެވެ.

 

ބްލެކް ސްޓޯކްސް

ބްލެކް ސްޓޯކްސް އަކީ ޕާކިސްތާނުގެ ސްޕެޝަލް ފޯސްގައި ހިމެނޭ އެލީޓް ޓީމެކެވެ. މި ޓީމު ދުނިޔޭގެ އެންމެ ހުނަރުވެރި ސްޕެޝަލް ފޯސްގެ ތެރޭގައި ހިމެނިފައި ވަނީ އެމީހުންގެ ޓްރޭނިން އާއި ކާމިޔާބު އޮޕަރޭޝަންތަކުގެ ސަބަބުންނެވެ. މި ޓީމުގައި ހިމެނުމަށްޓަކައި 40 މިނިޓުން ފަސް މޭލުގެ ރާސްތާއަށް ދުވަން ޖެހެ އެވެ. ބާރަ ގަޑިއިރުން 36 މޭލަށް މާޗްކުރަން ޖެހެ އެވެ. ޕާކިސްތާނުގެ އާމީގައި މަދުވެގެން ފަސް އަހަރު ދުވަހު ޚިދުމަތްކޮށްފައިވުން ވެސް ލާޒިމެވެ. މި ޓީމުގެ ތަމްރީނުތައް ފުރިހަމަކުރުމުގައި އެމެރިކާއާއެކު ތަމްރީނުތައް ފުރިހަމަކުރަން ޖެހެއެވެ.

 

ނޭވީ ސީލްސް

ނޭވީ ސީލްސް އަކީ އެމެރިކާގެ އެލީޓް ސްޕެޝަލް ފޯސްގައި ހިމެނޭ އެލީޓް ޓީމެކެވެ. މި ޓީމަކީ ދުނިޔޭގެ ފަހުގެ ތާރީޚުގައި އެމެރިކާއިން ހިންގާފައިވާ އެންމެ ނުރައްކާތެރި އަސްކަރީ މިޝަންތަކުގައި ލީޑް ރޯލެއް ކުޅެފައިވާ ބައެކެވެ. ހާއްސަކޮށް ކަނޑާއި މޫދާއި ކޯރުތައް ބޭނުންކޮށްގެން، ހަތިޔާރާއެކު ހިންގި މިޝަންތައް ފާހަގަކޮށްލެވެ އެވެ. މި ޓީމު އެންމެ ފުރަތަމަ އުފެއްދެވީ ޖޯމް އެފް ކެނެޑީގެ ވެރިކަމުގައި 1962 ގައެވެ. މި ޓީމާ ގުޅުމުގެ ކުރިން ކޮންމެ މެންބަރަކުވެސް ތޭރަ މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން މަޖުބޫރެވެ.

 

ބްރިޓިޝް އެސްއޭއެސް

ދުނިޔޭގެ މިލިޓަރީ ތަޖުރިބާކާރުންގެ ނަޒަރުގައި ދުނިޔޭގެ އެންމެ ކާމިޔާބު އަސްކަރީ އޮޕަރޭޝަންތައް ހިންގާފައިވަނީ އެސްއޭއެސް ޓީމުގެ ލީޑަޝިޕްގެ ދަށުންނެވެ. މި ޓީމަކީ ދުނިޔޭގައި އުފެދުނު އެންމެ ނުރައްކާތެރި، ހުނަރުވެރި އެއް ސްޕެޝަލް ފޯސްކަން މިލިޓަރީ ގިނަ ތަޖުރިބާކާރުން އެއްބަސްވެއެވެ. އެހާވެސް އެޓީމުގެ ހުނަރުވެރިކަމާއި ހުށިޔާރުކަން ބޮޑެވެ. އެސްއޭއެސްއަށް މީހުން ނެގުމުގެ މަރުހަލާ އަކީ ވަރަށް އުނދަގޫ ތަމްރީނުތަކެކެވެ. ފަރުބަދަ އަށް އެރުމާއި ޖަންގަލީގެ ހަރަކާތްތަކާއި ހަތިޔާރާއެކު ދުރަށް މާޗްކުރުމާއި ކަނޑާއި ވައިގެ ތެރޭގެ ހަރަކާތްތައް ވެސް ފާހަގަކޮށްލެވެ އެވެ. މި ތަމްރީނުތައް ފުރިހަމަކުރުމުގައި ދެ ބަޔަކަށް އޮންނަނީ ބަހާލާފަ އެވެ. އެއީ ފިނި މޫސުމާއި ހޫނު މޫސުމަށެވެ. މި ޓްރޭނިންތަކުގައި ބައިވެރިވާ އަސްކަރީ މީހުންގެ 90 އިންސައްތަ މީހުން ވަނީ ފެއިލް އެވެ. ގިނަ މީހުން ފެއިލް ވަނީ ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ޓްރޭނިން ކުރިއަށް ނުގެންދެވިގެންނެވެ.

 

ސްޕެޝަލް ނޭވަލް ވޯފެއާ ފޯސް

މި ޓީމު ބޭސްވެފައި އޮތީ ސްޕޭނުގަ އެވެ. ދުނިޔޭގައި އެންމެ ބޮޑަށް އިޚްތިރާމް ލިބިފައިވާ އެއް ސްޕެޝަލް ފޯހަކީ ސްޕެއިންގެ މި ޓީމެވެ. މި ފޯސް އުފެދުނީ 2009 ވަނަ އަހަރު އެވެ. މި ޓީމު އޮތީ ހުނަރުން ފުރިފައެވެ.

ސްޕެޓްސްނާޒް ޖީއާރްޔޫ

ކޯވްޑް ވޯ ގެ ޒަމާނުއްސުރެ ރަޝިޔާގެ އަސްކަރިއްޔާގައި ހިމެނޭ މި ޓީމަކީ އާންމު އިންސާނަކަށް ބުނެދޭން ނޭނގޭ ފަދަ ހުނަރުވެރި، ކުޅަދާނަ ބައެކެވެ. ހަތިޔާރު ބޭނުންކުރުމާއި ޓެކްނޮލޮޖީއާއި ވިސްނުމާއި ހަށިހެޔޮކަމުގެ ދާއިރާއިން ވެސް ހަމަ އެއްވަނަ އެވެ. މި ޓީމުގެ ކޮންމެ ހަރަކާތަކީ ވެސް ސިއްރުން ފުރިގެންވާ އަދި ރޭވުންތެރިކަމުގެ އިންތިހާ ހަރަކާތްތަކެކެވެ. ރަޝިޔާގެ އެތެރެ އާއި ބޭރުގައި ހިންގާ އެކިއެކި މިޝަންތަކުގައި ވެސް މި ޓީމުގެ ހުނަރު ވަރަށް ބޮޑަށް ބޭނުންކުރެ އެވެ. މި ޓީމު އަބަދުވެސް އޮންނަނީ ރަޝިޔާގެ ސިއްރު ފުލުހުންގެ ހަރަކާތްތަކާ ގުޅިލާމެހިފަ އެވެ.

ކެނޭޑިއަން ސްޕެޝަލް އޮޕަރޭޝަންސް ފޯސެސް ކޮމާންޑް

މި ލިސްޓުގައި ހިމެނޭ ސްޕެޝަލް ފޯސަސްތަކުގެ ތެރެއިން މިއީ އެންމެ ހަގު ޓީމެވެ. އުފަންވެފައިވަނީ 2006 ވަނަ އަހަރު އެވެ. މި ގްރޫޕަކީ ޓެރަރިޒަމާއި ހޮސްޕޭޖްކުރުމާއި މިނޫން ވެސް މިފަދަ ނުރައްކާތެރި ހާލަތްތަކުން ކެނެޑާ ސަލާމަތްކުރުމަށް ހިނދުކޮޅެއްގެ ތެރޭގައި ފުރިހަމަ ހަރަކާތައް ނުކުމެވޭ ގޮތަށް ތައްޔާރުކޮށްފައި ތިބޭ ބައެކެވެ. މި ޓީމު ތަމްރީނުކުރުމުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ސްޕެޝަލް ފޯސްތަކިގެ ޓްރޭނިން ހަރަކާތްތައް ދިރާސާކޮށް ވަރުގަދަ ޕްރޮގްރާމެއް އެކުލަވާލާފައި އޮވެއެވެ.

ޑެލްޓާ ފޯސް

ޑެލްޓާ ފޯސް އުފެދިފައިވަނީ 1977 ވަނަ އަހަރުއެވެ. މި ޓީމުގެ ކޮންމެ މެންބަރަކީ ވެސް އާމީގެ މެންބަރެކެވެ. މި ޓީމުގެ އެންމެ މުހިއްމު މަސައްކަތަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ޓެރަރިސްޓް ސެލްތައް ހަލާކުކޮށްލުމެވެ. މިޓީމުގެ މެންބަރުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ހުރި ނަމަވެސް، އެމީހުން އަބަދުވެސް ތިބެނީ ކޮމާންޑަށް ތައްޔާރުވެގެންނެވެ. ވަގުތުން ޚިދުމަތަށް ނުކުންނަ ގޮތަށެވެ. ޝަކުވާއެއް، ބަރު ހިތެއް ނެތި އެވެ.

ސްޕެޝަލް އޮފަރޭޝަންސް ކޮމާންޑް

މިއީ ފްރެންޗް މިލިޓަރީގައި ހިމެނޭ ވަރަށް ހުނަރުވެރި ޓީމެކެވެ. އެމީހުންގެ މަސައްކަތުގައި ވަރުބަލިވުމެއް، ހިތްވަރު އެލުމެއްނުވެ އެވެ. މި ޓީމު އުފެދުނީ ގަލްފް ހަނގުރާއަށްފަހު، 1992 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މި ޓީމަށް ދުނިޔޭގެ އެކި ޤައުމުތަކުން ހުނަރުވެރި، ހަރަކާތްތެރި، ކުޅަދާނަ މީހުން ނަގައެވެ. އެކަމަކު އެއީ ވަރަށް ވަރުގަދަ ޓްރޭނިންއާއި ސްކްރީނިން މަރުހަލަތާތަކަކަށްފަހު އެވެ.

 

ޝިޔެޓެޓް 13

މިއީ އިޒްރޭލުގެ ޑިފެސް ފޯސްގެ ބައެކެވެ. މިއީ ދުނިޔޭގެ އެންމެ ސިއްރުވެރި އަދި ހުނަރުވެރި އެއް ސްޕެޝަލް ފޯސްއެވެ. އަދި މިއީ އެންމެ ނުރައްކާތެރި ޑިފެސް ފޯސްގެ ގޮތުގައި ވެސް ސިފަކުރެވިދާނެ އެވެ. މި ޓީމު އުފަންކުރީ 1949 ވަނަ އަހަރު އެވެ. މި ޓީމުގެ ޚާއްސަ ދާއިރާތަކުގެ ތެރޭގައި ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ކައުންޓަ ޓެރެރިޒަމާއި އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި ހޮސްޓޭޖް ރެސްކިއު އާއި މިނޫންވެސް އެތައް ދާއިރާތަކެއް ހިމެނެއެވެ. މި ޓީމާ ގުޅުމަށްޓަކާ އިޒްރޭލު މިލިޓަރީއަށް ހަތަރު އަހަރާއި ބައި ޚިދުމަތްކުރަން ޖެހެ އެވެ.

މާކޯސް އެންޑް ޕަރަ އެސްއެފް

މިއީ އިންޑިޔާގެ އާމީގައި ހިމެނޭ ޚާއްސަ އެލީޓް ޓީމުތަކެވެ. މި ޓީމުގެ ތަމްރީނުތައް ހުރީ ހުރިހާ މޫސުމަކަށް ހުރިހާ ނުރެއްކަލަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ތަރުތީބުކޮށްފައެވެ. މި ޓީމަކީ މި ރީޖަނުގެ އެންމެ ހުނަރުވެރި އަސްކަރީ ސްޕެޝަލް ފޯސްއެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅިގެން މިޓީމުގެ ތަމްރީނުތައް އިންޑިޔާއިން މިހާރުވެސް ގެންދަނީ ވަރުގަދަކޮށް ފުޅާކުރަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *