ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ކުރީ ސަރުކާރުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީގައި 120 މިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށެވެ. އެއީ 107 މަޝްރޫއެއް ކުރިއަށް ގެންދާ އެކިއެކި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތާ އެއްކޮށް މަނިކުފާނުގެ އިރުޝާދާ އެއްކޮށް ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ މިހާރު ވާނީ ދައްކާފައި. އަދި ހަމައާއެކު 43 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ވާހަކަވެސް މި ފުރުސަތުގައި ފާހަގަކޮށްލަން. އަޅުގަނޑު ގަބޫލުކުރަނީ ގައްދޫ މަލްޓިޕާޕަސް ހޯލުވެސް އަދި އެހެން ރަށްރަށުގައި ހުއްޓިފައިވާ އެންމެހާ ޕްރޮޖެކްޓުތަކެއް އިރާދަކުރެއްވިއްޔާ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމާއެކު ބާރު ސްޕީޑެއްގަ ކުރިއަށްދާނެ ކަމަށް" ޝަފީއު ވިދާޅުވިއެވެ.
މީގެއިތުރުން ޝަފީއު ވިދާޅުވީ ގައްދޫ ސްކޫލަށް ބޭނުންވާ ޓީޗަރުން ވެސް މިދިޔަ ސަރުކާރުން ފޮނުވާފައި ނުވާ ކަމަށާއި ނަމަވެސް ދިރާސީ އާ އަހަރަށް ގައްދޫ ސްކޫލަށް ބޭނުންވާ ޓީޗަރުން ހަމަޖައްސައިދެއްވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުން ވެފައިވާ އިހުމާލުތަކުގެ ސަބަބުން، ގައްދޫގެ ތަރައްގީއަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.