Ad

ވައުދާ އެއްގޮތަށް ގއ ވިލިގިލީގައިވެސް ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް އަޅަނީ

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދި ކުންފުނި ކަމަށްވާ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ މިއަދު ހަވާލުކޮށްފި އެވެ.

ގއ. އަތޮޅު ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެކެވެ.

އިންތިހާބަށް ފަހު، އެމަނިކުފާނު ރަށްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި، އެމްއޯޔޯގައި ސަރުކާރުން ވަނީ ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.

އެ ޖަލްސާގައި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސްގެ ހުވަފެނެއް ކަމަށެވެ. އެއީ، މުޅި އަތޮޅުގެ އިގްތިސޯދު އެކީ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޖަނާހު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫއާ އެކު ހެލިޕޯޓަކާއި ޔޮޓް މެރީނާ ވެސް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަމަޖެހިފައިވާއިރު 5،000 އެނދު އުފައްދައި 17 ރިސޯޓެއް ވެސް ތަރައްގީކުރާނެ ކަމަށް ޖަނާހް ވިދާޅުވި އެވެ.

ވިލިނގިލީ އެއާޕޯޓް އަޅާ ކުންފުނީގެ ގާބިލްކަމާ މެދު ވާހަކަ ދައްކަވަމުންް، ޖަނާހު ވިދާޅުވީ އެ ކުންފުންޏަކީ އިމާރާތްކުރުމުގެ ދާއިރާގައި ދުނިޔޭގެ 44 ވަނަ އަށް އެންމެ ބޮޑު ކުންފުނި ކަމަށެވެ. އެ ކުންފުންޏަކީ އެ މަޝްރޫއު ހިންގޭނެ ފެންވަރުގެ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *