Ad

ރައީސުލްޖުމްހޫރިއްޔާ ހއ. ދިއްދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ ދިއްދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ރަށުގެ މަގުތައް ތަރައްޤީކުރަން ބޭނުންވާކަމަށާއި، ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ބޭނުންވާކަމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ހޮސްޕިޓަލް ރަނގަޅު ފެންވަރަކަށް ގެންދަން ބޭނުންވާކަމަށާއި، ދިއްދޫ އިންޖީނުގޭގެ ހާލަތު ވަރަށް ދަށްކަމުގައި ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމުގައިވެސް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން ދިއްދޫ ކައުންސިލުންވަނީ މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވައި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުންވެސް މުސްތަގުބަލުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަންވެސް ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަސައްކަތްކުރާނެ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ހުރިހާކަމެއް ކޮށްދެއްވާނެކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން އޮތް ގޮތްތައް ބައްލަވައި އެކަންކަން ކުރިއަށް ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މިރޭ އޮތް ދިއްދޫ ކައުންސިލް ބައްދަލުވުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްދޫ ކައުންސިލް އިދާރާގެ އާ އިމާރަތް ހުޅުވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *