އެމެރިކާގެ ޗިކާގޯއިން އިންޑިއާގެ ދިއްލީ އަށް ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި އެމެރިކާގެ ޗިކާގޯއަށް ޖައްސައިފި އެވެ.
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާ އާއި ގުޅިގެން އިންޑިއާގެ ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮއިންގް 777-300 އީއާރް މަތިންދާބޯޓުގައި އާންމުގޮތެއްގައި 340 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރެވޭއިރު، އެ މަތިންދާބޯޓުގައި ހުންނަނީ އެންމެ 10 ފާހާނާ ކަމަށާއި އޭގެ ތެރެއިން ދެ ފާހާނާ އަކީ ހަމައެކަނި ފަސްޓް ކްލާސް ދަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ފާހާނާތަކެއް ކަމަށެވެ. އެހެންކަމުން މުޅި މަތިންދާބޯޓުގައި މަސައްކަތް ކުރަމުން ދިޔައީ އެންމެ ފާޚާނާއެއް ކަމަށާއި، އެކަމާ ގުޅިގެން ޕަސިންޖަރުން ގޮނޑިތަކުން ތެދުވެ އެކަކު އަނެކަކާ ދެމެދު ކުދިކުދި ހަމަނުޖެހުންތައްވެސް ހިނގާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހިއްސާކޮށްފައިވާ ފްލައިޓްގައި ހިނގި ހަމަނުޖެހުންތަކުގެ ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓުގައި ބައެއް މީހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި، ބައެއް މީހުން އެކަކު އަނެކަކާ ޖަދަލު ކުރެ އެވެ.
އަދި ފްލައިޓް ކެންސަލް ކުރުމުން ހުރިހާ ފަސިންޖަރުންނަށް ވެސް ފުރިހަމަ ރިފަންޑު ދިނުމާއި ހިލޭ ރީޝެޑިއުލް ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.




