Ad

ހިިޔާ ފްލެޓްތަކުގެ ލިފްޓް މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ

ހިޔާ ފްލެޓްތަކުގެ ލިފްޓް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަކަށް އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު ރައީސަށް ދެންނެވި ސުވާލުގައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރާއިރު ބަލިމީހުން އުފުލާ ބާލަން ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯއެވެ. މިސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރާއިރު ބަލި މީހުން އުފުލުމަށް ޚާއްސަ ނުވަތަ ސްޓްރެޗަރ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސަވާނެކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅުގެ ދަށުން އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ޤާއިމްކުރުމަށް އެޗް.ޑީ.ސީން ވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

އެޗް.ޑީ.ސީން ބުނީ ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި 3 ނުވަތަ 4 ލިފްޓުހުރެއެވެ. އެހެންނަމަވެސް މި ޓަވަރުތަކުގައި ލިފްޓްތައް މަދުވުމުގެ ޝަކުވާއަކީ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންގެ ބޮޑު ޝަކުވާއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *