މިއަހަރުގެ ފެބްރުއަރީ 13 ގެ ނިއަލަށް ދައުލަތުގެ ހަރަދަށްވުރެ އާމްދަނީ އިތުރު ވެފައިވާކަމަށް ފިނޭންސް މިނިސްޓްރީ ހާމަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ 6 ހަފްތާގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން ފެބްރުއަރީ 13 ގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ދައުލަތުން ހަރަދުކޮށްފައިވަނީ 3 ބިލިއަން ރުފިޔާ އެވެ.
އެ މުއްދަތުގެ ތެރޭގައި ޓެކްސް ގެ އާމްދަނީގެ ގޮތުގައި 3.8 ބިލިޔަން ލިބިފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1.7 ބިލިޔަން ރުފިޔާއެވެ. 2 ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ. އެ މުއްދަތުގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައިލިބިފައިވަނީ 309 މިލިޔަން ރުފިޔާ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި 541 މިލިޔަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 28 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.




