ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަންގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 މާރިޗް 10 ވަނަ ދުވަހު (މިރޭ) ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއށްގެންދާ ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަނުގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މިރޭ ދަންވަރު އެކްސް ގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ ގައުމީ ސަލާމަތާ ގުޅުންހުރި ޚާއްސަ އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ދިޔަ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކުރާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މާލެއާ ހުޅުމާލޭގައި ސިފައިންނާ ފުލުހުން އެކުގައި ނިކުމެ ބައެއް ތަންތަނާއި ވެހިކަލް ތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެގޮތުން އެމްއެމްއޭ ކުރިމަތިން ދުއްވާފައިދިޔަ ލޮރީއެއް ބަލައި ފާސްކޮށް އެ ދުއްވަން އިން މީހާ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އެ މީހާ އާއިއެކު އެމީހާ ދިރިއުޅޭ ގެއަށް ގޮސް ސަލާމަތީ ބާރުތަކުން ވަނީ އެމީހާ ދިރިއުޅޭ ގެ ވެސް ބަލައި ފާސްކޮށް އެ ގެއިން ބައެއް ތަކެތިވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުން ދިޔަ އެހެން ލޮރީއެއްވެސް ބަލައިފާސްކުރިއެވެ. އަދި މާލޭ ޝަބްނަމް މަގުގައި ހުރި ގެއަކާއި ހެންވޭރު ދަނޑު ކައިރި ހުރި ގެއަކާއި ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްވެސް ބަލައި ފާސްކުރިއެވެ. މީގެ އިތުރުން ހުޅުމާލެ ވިނަރެސް ފުލެޓަކާއި ހުޅުމާލެ ފޭސް 2 އާ އެއްވެފައި އޮންނަ ފަރުކޮޅުފުށި ސަރަހައްދުވެސް މި އޮޕަރޭޝަންގައި މިހާތަނަށް ބަލައިފާސްކޮށްފައިވެއެވެ.




