އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ވަގުތީގޮތުން މިހާރު ހައްލުވެފައިވާކަމަށާއި އަދި އިތުރު 2 ޖަނަރޭޓަރެއް އައްޑޫސިޓީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ނަޖާހް ވިދާޅުވީ މަރާމާތުކޮށް އޮޕަރޭޝަނަށް ގެނައި 1.6 މެގަވޮޓްގެ ޖަނަރޭޓަރާއެކު އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށާއި، ގެ 2 ވަނަ ޖަނަރޭޓަރުވެސް އޯވަހޯލް ކޮށް ނިމެން ކައިރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން 1 މެގަވޮޓްގެ ޖަނަރޭޓަރެއް، މާލެއިން އައްޑޫ ސިޓީއަށް ގެނައުމުގެ މަގުމަތީގައި މިހާރު ވާކަމަށާއި، އެ ޖަނަރޭޓަރު ބަހައްޓާ ސެޓަޕްހެދުމާއި، އެކަމަށް ބޭނުންވާ ޓެކްނިކަލް ތައްޔާރީތައްވެސް މިހާރު ވަމުންދާކަމަށާއި، އޭގެ އިތުރުން އިންޑިއާއިން 1.8 މެގަވޮޓްގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށާއި، އެ ޖަނަރޭޓަރު ބުދަދުވަހު މާލެއަށް އައުމާއެކު، އައްޑޫ ސިޓީއަށް ފޮނުވާނެކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.
އައްޑޫ ސިޓީގައި އަޅަން ފަށާ ހުއްޓިފައިވާ، 32 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.




