ސޯޝަލް މީޑިއާ ހުޅުވާލާ ކޮންމެ ފަހަރަކު ބޭސްފަރުވާއަށް އެހީއަށް އެދި މީހަކު ކުރާ އަދޭސް ނުފެންނަ އެންމެ ދުވަހެއްވެސް ނުދެއެވެ.
މިފަދަ ޕޯސްޓް ތަކުގެ ތެރޭގައި މަދުންނަމަވެސް ސްކޭމްތައް އެކުލެވުނު މަމަވެސް، ޖުމްލަ ކޮށް ފެންނަ ނިކަމެތި ހާލާހެދި ބޭސް ފަރުވާ ނުކުރެވި ނުވަތަ ބޭސްފަރުވާ ލިބެން އޮތް ތަނަކަށް ނުދެވި އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކެވެ.
އެފަދަ ހާލަތުގައި ތިބި މީހުންގެ ތެރެއިން މިފަދައިން މި ޕޯސްޓްތައް ކުރަން ލަދުގަންނަ ނުވަތަ ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ނޭނގޭ ކިތަންމެ ބަޔަކު އުޅޭނެކަން ޔަގީނެވެ.
މިފަދައިން ފެންނަ ގިނަ ޕޯސްޓްތަކުން ފެންނަނީ ބޮޑެތި ބަލިތަކަށް ބޭސްކުރަންޖެހި ގިނަ ދުވަހަށް މާލޭގައި ނުވަތަ ރާއްޖެއިން ބޭރުގައި އެޅެންޖެހުމުން މިތަންތަނަށް ގޮސް ހުންނާނެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އެދި ކުރާ އާދޭސްތަކެވެ.
ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހާ ދޭންޖޭ ރޭޑިއޭޝަން ސެޝަންތަކަށް އިންޑާއިގައި ހުންނާނެ ގޮތެއް ނެތިގެން ކުރާ އާދޭހެވެ. ތުއްތު ދަރިފުޅުގެ ކުރަންޖެހޭ ބޮޑު އޮޕަރޭޝަނަކަށާއި، އެކަމަށް ގޮސް ރާއްޖޭން ބޭރުގައި ހުންނަ މުއްދަތަށް ޚަރަދު ކުރާނެ ގޮތް ނެތިގެން ކުރާ އާދޭހެއެވެ.
މިހެންގޮސް އެތައް ބައިވަރު ކަންކަމަވެ. ދައުލަތުން އާސަންދަ ދެއެވެ. ރަށްރަށުން ނުކުރެވޭ ފަރުވާއަށް މާލޭގެ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖައްސައިދެއެވެ. އަދި ކަނޑައެޅިފައިވާ އުސޫލެއްގެ ތެރެއިން ރާއްޖެއިން ނުކުރެވޭ ކަންކަމުގައި ރާއްޖެއިން ބޭރުން ބޭސް ފަރުވާކުރެވޭނެ ގޮތް ހަމަޖައްސައި ދީފައިވެއެވެ.
އެހެންނަމަވެސް ހަޤީގަތަކީ ދައުލަތުން ހަމަޖައްސައިދޭ އާސަންދަ ސްކީމްގެ ދަށުން ކަވަރުކޮށްދޭ ސިއްޙީ ބިލްތަކަށް އެކަނި ފައިސާ ދައުލަތުން ދައްކައިދިންނަމެވެސް ނިކަމެތި މީހާއަށް ދެން އެ ބޭސް ފަރުވާ ކުރުމަށް ރަށުން މާލެ އައިސް ނުވަތަ ރާއްޖެއިން ބޭރުގައި ހުންނަންޖެހޭ އިރު ހަރަދުކުރާނެ ފައިސާ ހަމަޖެހިފައި ނުހުންނަކަމެވެ.
ތަކެތީގެ އަގުބޮޑުވެ ގައުމުގެ އިގްތިސާދު މިވަނީ އަނދަވަޅަކަށް ވެއްޓިފައެވެ. އަދާ ކުރާ ވަޒީފާއަކުން ނުވަތަ ކުރާ އަމިއްލަ ކުދި ކުދި މަސައްކަތްތަކުން ދިވެހީންގެ ތެރެއިން ގިނަ މީހުންނަށް ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސެއެވެ.
އެހެންކަމުން ތިމާ އަމިއްލައަށް ނުވަތަ އާއިލާ މީހަކު ބަލިވެއްޖެނަމަ ހަދާނެ ގޮތް އޮންނަނީ ހުސްވެފައެވެ. މިހާރު ސަރުކާރުން އެންމެ ބާރަށް ކުރަމުންދާ މަސައްކަތަކީ އާސަންދަ ރިފޯމް ކުރުމުގެ މަސައްކަތެވެ.
އިދާރާތަކުން ބުނަމުން އަންނަނީ އާސަންދައިގެ ނިޒާމު މިހާރު އޮތް ގޮތަކީ އިސްރާފް ބޮޑު، އަދި ދައުލަތައް ބުރަ ބޮޑު ގޮތަކަށް ހަމަޖެހިފައިވާ ގޮތެއްކަމަށެވެ. އަދި މިހާރު އެންމެ ބާރަށް ދެކެވެމުންދާ ވާހަކައަކީ ކުރިން އާސަންދަ ހަމަޖެހޭހާ ފަސޭހައިން އެކަން ހަމަނުޖެހޭ ވާހަކައެވެ.
ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރާ މުވައްސަސާ ތަކުގައި ތިބޭ ގިނަ މީހުންނަކީ ދައުލަތުގެ އެކި އެކި އިންޝުއަރެންސް ސްކީމްތަކުން ބޭސްފަރުވާގެ ހަރަދުތައް ކަވަރުވެފައި ތިބިމީހުންނެވެ. އެވެސް ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުންނެވެ.
އެހެންނަމަވެސް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ދިރިއުޅުމުންދާ ރަށްރަށުގައި މަލްޓި- ސްޕެޝާލިޓީ ހޮސްޕިޓަލެއް ކީއްކުރަންތޯ އެވެ. ހޮސްޕިޓަލެއްވެސް ނެތެވެ. ރަށްފުށުގައި ދިރިއުޅޭ މީހަކު ބަލިވެގެން މާލެ އައުމާއި މާލޭގައި ހުންނަށް ކުރަން ޖެހޭ ޚަރަދު އަވަށްޓެރި ގައުމަކަށް ދިއުމާއި އެ ގައުމުގައި ހުރުމަށް ކުރަންޖެހޭ ޚަރަދަށްވުރެ އެތައް ތަނެއް ބޮޑެވެ.
ސިޔާސަތުތައް ކަނޑައަޅަން ތިބި ފަރާތްތަކުން ފުންކޮށް ވިސްނަވާށެވެ. ތިބާއާއި ތިބާގެ އާއިލާގެ މެންބަރަކަށް ރަށުން ކުރެވެން ނެތް ބޭސް ފަރުވާ ކުރުމަށް މާލެ ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭއިރު ހަމައެކަނި ހޮސްޕިޓަލް ޚަރަދު ނުވަތަ ހޮސްޕިޓަލް ޚަރަދުން ބައެއް ލިބޭނެ ފަދަ ލިޔުމެއް ހިފައިގެން މާލެ އައިސް ނުވަތަ ބޭރަށް ގޮސް ހުރުމާއި އެހެނިހެން ކަންކަން ހަމަޖައްސާނީ ކިހިނަކުންތޯއެވެ.
ބަލިވެ ބޭސްފަރުވާ ނުކުރެވިގެން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ޖެހުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. ދައުލަތުން ދޭ ސަބްސިޓީ ތަކާއި ސޯޝަލް ސެކިއުރިޓީ ގެ ނިޒާމު ހަރުދަނާ ކުރާއިރު ބަލި މީހުންނާއި ނިކަމެތިންނަށް އެކަމުގެ އަސަރު އެއްމެ ކުޑަވާނެ ގޮތަކަށް އަދި އެފަރާތްތަކަށް ފުރިހަމަ ހައްލެއް ލިބޭނެ ގޮތަކަށް އެކަން ކުރުމަކީ މުހިއްމު ކަމެއްކަން މިއޮތީ ފެންނާށެވެ.
އެހެންކަމުން ބޭސްފަރުވާގެ ނިޒާމު ރިފޯމު ކުރުމުގެ ތެރެއިން ކުރަންވީ ކަމަކީ ހަމައެކަނި ދައުލަތަށް ހަރަދުކުޑަވާނެ ގޮތެއް ހޯދުމުގެ ބަދަލުގައި ރައްޔިތުން ބޭސްފަރުވާއަށް އެދި ކުރަންޖެހޭ އާދޭސްވެސް ހުއްވޭނެ ގޮތަކާމެދުގައި ވިސްނައި އެކަމަށްވެސް ހައްލު އެ ރިފޯމުގެ ތެރެއިން ހޯދައިދިނުމެވެ.




