ފާއިތުވި 50 އަހަރުގެ ތެރޭގައި ގްރީން ޓީ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައިބޯ މީހުންގެ މެދުގައި ވަރަށް މަގުބޫލު ބުއިމަކަށް ވެފައެވެ.
ޗައިނާ، ޖަޕާން އަދި އިންޑިއާ ފަދަ އޭޝިއާގެ ގައުމުތަކުގައި ގްރީން ޓީ ބޭނުންކުރާތާ އެތައް ގަރުނެއް ވެއްޖެއެވެ. އެހެނިހެން ގިނަ ބާވަތްތަކުގެ ކޮފީފަދައިން ގްރީން ޓީ އަކީވެސް ހަމައެކަނި ޢިއްޒަތްތެރިންނަށް އެކަށީގެންވާ ބުއިމެއްގެ ގޮތުގައި ބޭނުން ކުރަންފެށި ބުއިމެއް ނަމަވެސް މަޑުމަޑުން މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންވެސް ބޭނުންކުރާ ބުއިމަކަށްވަނީ ވެފައެވެ.
ފަހަކަށް އައިސް ގްރީން ޓީގެ ސިއްޙީ ފައިދާތަކުގެ ސަބަބުން، ހާއްސަކޮށް ހުޅަނގު ހެމިސްފިއާގައި، މި ސައިބޯ މީހުންގެ މެދުގައި މި ކަން ވަނީ އިތުރަށް މަގުބޫލުވެފަ އެވެ.
ގްރީން ޓީގެ ފެށުން
ގްރީން ޓީ ގެ ތާރީހަކީ ބީސީ 2737 ވަނަ އަހަރުގެ ކުރިން އައިސްފައިވާ ދިގު ތާރީހެކެވެ.
ގްރީން ޓީގެ ފެށުމަކީ ޗައިނާގެ އެމްޕެރަރ ޝެނޮންގް ހިއްޕަވަން އިންނެވި ހޫނުފެން ތައްޓެއްގެ ތެރެއަށް ސައި ފަތެއް ވެއްޓިފައި އޮއްވައި އެ ފެންތަށިން ހިއްޕެވުން ކަމުގައި ބުނެވެއެވެ. ގްރީން ޓީގެ ރަހައާއި ފައިދާގެ ސަބަބުން މުޅި ޗައިނާގައި ގްރީން ޓީ ފެތުރިގެން ދިޔައީ 14 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. ޗައިނާ ގައި ގްރީން ޓީ ބޭނުންކުރާތާ ގާތްގަނޑަކަށް 5000 އަހަރު ފަހުން މަޑުމަޑުން އޭޝިއާ އާއި ޔޫރަޕާއި އެމެރިކާއަށް ގްރީންޓީ ތަޢާރަފް ވާންވެށިއެވެ.
އެގޮތުން ޔޫރަޕްގެ ވިޔަފާރިވެރިންނަށް އެންމެ ފުރަތަމަ ގްރީން ޓީ ތައާރަފްވީ 16 ވަނަ ގަރުނުގައި އިރުމަތީ އޭޝިއާއަށް ކުރި ދަތުރުތަކުގައެވެ. އެއަށްފަހު އިނގިރޭސިވިލާތުގެ ގައުމީ ބުއިމަކީވެސް ޓީ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެމެރިކާ އަށް ފޮނުވި އިނގިރޭސިންނާއެކު ސައި އެމެރިކާއަށް ތަޢާރަފް ވުމާއެކު ކޮލޮނިސްޓުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނެވެ. އެއާއެކު އިނގިރޭސިން 1767 ވަނަ އަހަރު ސައިފަތުން ޓެކްސް ނަގަން ފެށުމުން 1773 ވަނަ އަހަރު ކޮލޮނިސްޓުން އެމެރިކާގައި ބޮސްޓަން ޓީ ޕާޓީ ގެ ނަމުގައި ޕާޓީއެއް އުފައްދައި 45 ޓަނުގެ ގްރީން ޓީ ބަނދަރަށް އުކާލިއެވެ.
އެންޓިއޮކްސިޑެންޓް ކޮމްޕައުންޑްތައް އެކުލެވިގެންވުން
ގްރީން ޓީގައި ކެޓެޗިން ނަމަކަށް ކިޔާ ޕޮލިފެނޮލްގެ ބާވަތެއް އެކުލެވިގެންވެއެވެ. ކެޓެޗިންސް އަކީ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، ސިއްހީ އެހެނިހެން ފައިދާތައް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓް އެކުލެވޭ ބުއިމެކެވެ. ގްރީން ޓީގައި ހިމެނޭ އެންމެ މަޝްހޫރު އަދި ގިނަ އަދަދަކަށް އެކުލެވޭ ކެޓެޗިން އަކީ އެޕިގަލޮކެޓެޗިން-3-ގެލެޓް (އީޖީސީޖީ) އެވެ.
ސިކުނޑީގެ ފަންކްޝަން ރަނގަޅުކޮށްދޭ
2017 ވަނަ އަހަރުގެ ރިސާޗް ޕޭޕަރަކުން ދައްކާގޮތުގައި ގްރީން ޓީ ބުއިމުން އޭގަ އެކުލެވޭ ކެފެއިން އާއި އެލް-ތިއަނީން ފަދަ ކޮމްޕައުންޑްތަކުގެ ސަބަބުން ހަނދާން ވަރުގަކޮށްދީ، މޫޑް އަދި ސިކުނޑީގެ މަސައްކަތްތަކަށް ފައިދާކުރެއވެ. މީގެ އިތުރުން 2020 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގްރީން ޓީ އަކީ މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ސިކުނޑީގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ފުރުސަތު 64 ޕަސެންޓް ދަށްކޮށްދޭ އެއްޗެކެވެ.
ސަރުބީ ވިރުވާލުމަށް އެހީތެރިވެދޭ
2022 ވަނަ އަހަރު ކުރި ރިވިއުއަކުން ދައްކާ ގޮތުގައި ގްރީން ޓީގެ ސަބަބުން މެޓަބޮލިޒަމްއަށް ހެޔޮ އަސަރު ކުރުމުގެ ގާބިލްކަން އެރޯބިކް ނުވަތަ ރެސިސްޓެންސް ކަސްރަތުން އިތުރުވެއެވެ. ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް އޮފީސް އޮފް ޑައިޓްރީ ސަޕްލިމެންޓްސް ގެ ބައެއް ދިރާސާތަކުން ގްރީން ޓީ ގައި ހަށިގަނޑުގައި ފެޓް އުފައްދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ހުރި ކަން ފާހަގަކުރެވިފައިވާ އިރު، ބަރުދަން ލުއިކުރުމަށްވެސް ގްރީން ޓީ ބޭނުންކުރެވިދާނެއެވެ.
ބައެއް ކެންސަރުޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ
ގްރީން ޓީ ބުއިމަކީ ފުއްޕާމޭގެ ކެންސަރު ނުވަތަ އޯވޭރިއަން ކެންސަރު ފަދަ ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކުރުމާ ގުޅުން ހުރި އެއްޗެއްކަމަށް ބައެއް ދިރާސަތަކުގައި ބުނެފައިވެއެވެ.
މުސްކުޅިވުމުން ސިކުނޑި އަށް ކުރާ އަސަރު ކުޑަކޮށްދޭ
2020 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ގްރީން ޓީ އަކީ އަލްޒައިމާސް ބައްޔަށް ހުށަހެޅުމުން ދުރކޮށްދިނުމަށްވެސް އެހީތެރިވެދޭ މާއްދާތައް އެކުލެވޭ ބުއިމެއްކަން ވަނީ ދެނެގަނެވިފައެވެ. ނަމަވެސް 2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މާ ގިނައިން، ދުވާލަކު 13 ތަށި ނުވަތަ އެއަށް ވުރެ ގިނަ އިން ހުރިހާ ބާވަތެއްގެ ސައި ބުއިމަކީވެސް އަލްޒައިމާ ބަލީގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.
އަނގައިގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ
2021 ވަނަ އަހަރުގެ ރިވިއު ޓްރަސްޓްޑް ސޯސް އޮފް ސްޓަޑީސްއިން ދައްކާ ގޮތުގައި ގްރީން ޓީ ބުއިމަކީ ނުވަތަ ގްރީން ޓީ އެކްސްޓްރެކްޓް ބޭނުންކުރުމަކީ އަނގައިގެ ސިއްހަތު ރަނގަޅުކުރުމާ ގުޅިފައިވާ ކަމެކެވެ.
ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ
2020 ވަނަ އަހަރުގެ ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ގްރީން ޓީއަކީ ލޭގައި ހަކުރު މަދުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ޗައިނާގައި 2021 ވަނަ އަހަރު ކުރި ދިރާސާއަކުން ވެސް ދައްކާ ގޮތުގައި އާދަވެގެން ގްރީން ޓީ މީހުންނަށް ޓައިޕް 2 ޑައިބެޓީސް ޖެހިގެން މަރުވުމުގެ ފުރުސަތު 10 ޕަސެންޓް ކުޑައެވެ.
ހިތުގެ ބަލިތަކުން ދުރުކޮށްދޭ
ދާދި ފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ގަވާއިދުން ގްރީން ޓީ ބުއިމަކީ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.
ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގްރީން ޓީއަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. 2022 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 4 ތަށި ނުވަތަ އެއަށް ވުރެ ގިނައިން ގްރީން ޓީ ބުއިމަކީ އޮބޭސިޓީ ޖެހުމުގެ ފުރުސަތު 44 ޕަސެންޓް ދަށްކޮށްދެއެވެ.