އެމެރިކާގެ ވޮޝިންޓަންގެ އެންމެ ބޮޑު އަލިފާން ފަރުބަދަ ކަމަށްވާ މައުންޓް އެޑަމްސްގެ ސިސްމިކް އެކްޓިވިޓީ އިތުރުވުމާ ގުޅިގެން ތަޖުރިބާކާރުންގެ މެދުގައި ކަންބޮޑުވުން އުފެދި، ފަރުބަދަ ގޮވާފާނެކަމުގެ ބިރު ބޮޑުވެ ހައި އެލާޓަށް ގެނެސްފިއެވެ.
12،000 ފޫޓުގެ ސްޓްރެޓޮ ވޮލްކާނޯ އަކީ ޒަމާނުއްސުރެ އެކްޓިވް ހަރަކާތެއް ފެނިފައިނުވާ ފަރުބަދައެވެ. ނަމަވެސް ދާދި ފަހުން އެ ފަރުބަދައަށް ކުދިކުދި ބިންހެލުން އައިސްފައިވާއިރު، އެކަމުގެ ސަބަބުން އަލިފާން ފަރުބަދަ ގޮވުމުގެ ފުރުސަތު އޮންނާނެ ކަމުގެ ބިރު ސައިންސްވެރިންނަށް ވަނީ ހީވެފައެވެ.
ޔަކީމާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 55 މޭލު ދުރުގައި އޮންނަ ވޮޝިންޓަންގެ ދެކުނު-މެދުތެރޭގެ އެޑަމްސް ފަރުބަދައަކީ "ހައި-ތްރެޓް" އަލިފާން ފަރުބަދައެއް އެއްގޮތުގައި ބަލާފައިވާ ފަރުވބަދައެކެވެ. ޑެއިލީ މެއިލްގެ ރިޕޯޓެއްގައިވާ ގޮތުން މި އަލިފާން ފަރުބަދައަކީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ވެއްޔާއި ކިސަޑު ގަޑިއަކު 50 މޭލު ބާރު މިނުގައި ފައިބަފާނެކަމުގެ ބިރި އޮތުމުގެ ސަބަބުން އެސަރަހައްދުގެ މީހުންނަށް އަބަދުވެސް އެ ފަރުބަދައިގެ ނުރައްކާ އޮންނަ ކަމަށް ބުނެފައިވެއެވެ.
މައުންޓް އެޑަމްސް ނުގޮވާތާ ގާތްގަނޑަކަށް 1،000 އަހަރު ވެފައިވާއިރު، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) ގެ ތަޖުރިބާކާރުން ޒަމާނުއްސުރެ އިންޒާރު ދެމުން އަންނަނީ "އަނެއްކާވެސް އެ ފަރުބަދަ ގޮވާފާނެކަމަށް ޔަގީންކުރެވޭ ކަމަށެވެ. ސައިންސްވެރިން އަންދާޒާ ކުރާ ގޮތުގައި އެންމެ ފަހުން އެ އަލިފާން ފަރުބަދަ ގޮވާފައިވަނީ މީގެ 3،800 އަހަރާއި 7،600 އަހަރާ ދެމެދުގަ އެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ސައިންސްވެރިން ވަނީ ބިންގަނޑުގެ ހަރަކާތްތަކާއި ސިސްމިކް އެކްޓިވިޓީތައް ބެލޭނެ މޮނިޓަރިން ސްޓޭޝަންތަކެއް ގާއިމްކޮށްފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ފަރުބަދަ އަށްް 9 ބިންހެލުމެއް އައިސްފައިވާއިރު، 0.9 އާއި 2.0 އާ ދެމެދުގެ ބާރުމިނުގައި ހުރިކަމަށް ބުނެފައިވެއެވެ.
މި ބިންހެލުންތައް އިތުރުވި ނަމަވެސް ތަޖުރިބާކާރުން ވަނީ މި ބިންހެލުންތަކަކީ އަލިފާން ފަރުބަދަ ގޮވުމުގެ އިޝާރާތެއްގެ ބަދަލުގައި އަލިފާން ފަރުބަދައިގެ "އާދައިގެ ބެކްގްރައުންޑް އެކްޓިވިޓީ"ގެ ބައެއް ކަމަށް ފެންނަކަމަށް ބުނެފައެވެ.




