މާލެ ސަރަހައްދުގައި ހިންގާ ހަކަތައިގެ ބިޔަ މަޝްރޫއު ހިންގައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގެ މުއްދަތު އިތުރުކށްްފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އަދި ޓްރާންސްފަރ އުސޫލުން 100 މެގަވޮޓް އާއި 150 މެގަވޮޓް އާ ދެމެދުގެ ސޯލަރ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝާއިއުކޮށްފައިވާ ނަންބަރު (IUL)13-K/13/2025/28 (26 ފެބުރުވަރީ 2025) "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައިވާކަމަށެވެ.
މުއްދަތު އިތުރުކުރުމަށް ނިންމި ސަބަބެއް ކަމުގައި އެ އިއުލާނުގައި ބުނެފައިވަނީ މިހާތަނަށް ގިނަ އަދަދެއްގެ ސުވާލުތަކެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެ ސުވާލުތަކަށް ފުރިހަމަޔަށް ޖަވާބުދާރީ ވުމާއެކު، ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތުދިނުމަށް ކަމަށެވެ.
އޭގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ މަސައްކަތުގެ މަޤްޞަދަކީ ގްރޭޓަރ މާލެ ސަރަހައްދުގައި 100 މެގަވޯޓް އިން 150 މެގަވޯޓަށް ސޯލާ މަޝްރޫޢުއެއް ހިންގުން ކަމަށާއި، އެ މަޝްރޫޢު އަކީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭގޮތަށް ކުރިއަށް ގެންދެވޭ މަސައްކަތެކެއް ކަމަށާއި، އެ މަސައްކަތުގެ ތެރޭގައި އެ ވަސީލަތް ޑިޒައިންކުރުމާއި، ފައިނޭންސްކުރުމާއި، އިމާރާތްކުރުމާއި، ހިންގުމާއި އަދި ބެލެހެއްޓުން ހިމެނޭނެ ކަމަށެވެ.
އެހެންކަމުން އެމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ މަޝްރޫޢުގެ މަޢުލޫމާތު ކަރުދާސް އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 10 ފެބަރުވަރީ 2025 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުޤުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ވުމާއެކު އެ ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 4 މާރިޗު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށާއި، އަދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 މާރިޗު 2025 ވާ ބުދަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ abdulla.maaz@finance.gov.mv އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިފައެވެ.




