އެމެރިކާއިން ހޯދަން ބޭނުންވެފައިވާ ކްރިޕްޓޯ އެކްސްޗޭންޖް އެޑްމިން ކަންކުރާ ރަޝިއާއާ ގުޅުން ހުރި މީހާ ހިފަހައްޓާފައިވަނީ މަނީ ލޯންޑަރިން އާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ކަމުގެ ތުހުމަތުގައެވެ.
ރަޝިއާގައި ދިރިއުޅޭ ލިތުއޭނިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 46 އަހަރުގެ އަލެކްސެޖް ބެސިއޯކޯވް އެމެރިކާގެ އެދުމުގެ މަތިން އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުން ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިންވެސް ވަނީ ބުނެފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ހަފުތާގައި ބުނީ ރަޝިއާގެ ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ގަރަންޓެކްސް އިން ބޭނުންކުރާ އޮންލައިން އިންފްރާސްޓްރަކްޗާ އެމެރިކާ، ޖަރުމަން އަދި ފިންލޭންޑުން ނައްތާލާފައިވާ ކަމަށާއި އެ އެކްސްޗޭންޖުގެ ދެ އެޑްމިނިސްޓްރޭޓަރުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. ގަރަންޓެކްސް އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅާފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ ބެސިއޯކޮވްގެ މައްޗަށް އުފުލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވެ ލައިސަންސް ނެތް މަނީ ޓްރާންސްމިޓް ކުރުމުގެ ވިޔަފާރިއެއް ހިންގުމުގެ ތުހުމަތުތައް ވެސް ކުރެވިފައިވާ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.
ސީބީއައިއިން ބުނީ އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބެސިއޯކޮވް ވަގުތީ ގޮތުން ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ އެމެރިކާގެ އެދުމުގެ މަތިން ކަމަށާއި، ބެސިއޯކޮވް އިންޑިއާއަށް ވަޑައިގެންނެވީ ކޮން އިރަކު އަދި ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
އަދި ކެރެލާ ފުލުހުންނާ ގުޅިގެން ބެސިއޯކޯވް މިހާރު ދިއްލީގެ ދަށު ކޯޓަކަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެސިއޯކޮވް ހައްޔަރުކޮށްފައިވަނީ އޭނާގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށްވާ ވަރުކަލާއިންނެވެ.
ރިޕޯޓްތައް ބުނާގޮތުން ގަރަންޓެކްސްގެ މައްޗަށް އެތައް މިލިއަން ޑޮލަރެއް ލޯންޑާކުރި ކަމުގެ ތުހުމަތު ކުރެވޭ އިރު އޭގެ ތެރޭގައި ބްލެކް ބަސްޓާ، ޕްލޭ އަދި ކޮންޓީ ފަދަ ރެންސަމްވެއާ ގްރޫޕްތަކުން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު ހޯދާފައިވާ ފައިސާ ވެސް ހިމެނެ އެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ އެކްސްޗޭންޖުން ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގައި މަދުވެގެން 96 ބިލިއަން ޑޮލަރު (74 ބިލިއަން ޕައުންޑް) ޕްރޮސެސްކޮށްފައިވާ ކަމަށްވެއެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ އެ ފައިސާ ބޭނުންކޮށްފައި ވަނީ ހެކްކުރުމާއި ރެންސަމްވެއާ އާއި ޓެރަރިޒަމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ "ގިނަ ކުށްތަކަށް މަގުފަހިކޮށްދިނުމަށް" ކަމަށެވެ. ބެސިއޯކޮވް އާއި ރަޝިއާގެ ރައްޔިތެއް ކަމަށްވާ އެލެކްސެންޑާ މީރާ ސެރްޑާ އަށް ޖިނާއީ ފައިސާ ލޯންޑާ ކުރަނީ ގަރަންޓެކްސް މެދުވެރިކޮށްކަން އެނގުމާއި ގާނޫނާ ހިލާފަށް ކުރާ ކަންކަމަށް މަގުފަހިވުން ފޮރުވުމަށް ފިޔަވަޅު ތައް އަޅަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
ބެސިއޯކޮވްގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއަކާއި، ބައިނަލްއަގުވާމީ ކުއްލި ނުރައްކަލުގެ އިގްތިސާދީ ބާރުތަކުގެ ގާނޫނާ ހިލާފުވުމަށް ރޭވުމުގެ ދައުވާއާއި ލައިސަންސް ނެތް މަނީ ޓްރާންސްމިޓިން ވިޔަފާރިއެއް ހިންގުމަށް ރޭވުމުގެ ދައުވާއެވެ.




