އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް އާދީއްތަ ދުވަހު ލިވަޕޫލް ކުޅޭ މެޗުގައި ޑިފެންޑަރ ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ޑިފެންޑަރަށް އަނިޔާ ވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ޕީއެސްޖީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައެވެ.
މި މެޗްގައި އާނޯލްޑަށް ނުކުޅެވޭއިރު އާނޯލްޑްގެ ބަދަލުގައި އެ މަޤާމަށްކުޅޭ ބްރެޑްލީއަށްވެސް އަނިޔާގެ ސަބަބުން މި މެޗްގައި ނުކުޅެވޭނެއެވެ. އަދި ތިން ވަނަ ޗޮއިސްގެ ގޮތުގައި އެ މަޤާާމަށް ކުޅުވާ ޖޯ ގޮމޭޒަށްވެސް އަނިޔާގެ ސަބަބުން ނުކުޅެވޭނެއެވެ. އެހެންކަމުން ލިވަޕޫލްގެ ކޯޗުގެ އެންމެ ބޮޑު ބޮލުގަ ރިހުމަކަށްވާނީ އެ މަޤާމަށް ކުޅުވާނެ ކުޅުންތެރިއަކާ މެދުގައެވެ. ސްލޮޓް ބުނީ މިޑްފީލްޑަރު ކާޓިސް ޖޯންސްއަކީވެސް އެމަޤާމަށް އެކަށީގެންވާ ކުޅުންތެރިއެއް ކަމަށެވެ.

މި ސީޒަނުގެ ނިޔަލަށް ލިވަޕޫލް އާއިއެކު އެލެކްޒެންޑަރ އާނޯލްޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެކަމަށް ގިނަ މީޑިޔާ ރިޕޯޓްތަކެއް ވަނީ ބުނެފަ އެވެ.




