ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ކުރިމަތިލާފައިވާ ހުސައިން ޝަހީދު އެ މަގާމަށް އައްޔަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 3 ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީ އިން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާއެރުވުމާ ގުޅިގެން އެމަގާމަށް ޝަހީދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިޅީހަށް ފޮނުވުމާގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް މިއަދުގެ ކޖަލްސާގައި ޖުޑިޝަރީ ކޮމެޓީއަށް ފޮނުވިއެވެ. އެއަށްފަހު އެ ކޮމެޓީން މިހާރު ނިންމާފައިވަނީ ޝަހީދު އެ މަގާމަށް އައްޔަނުކުރަން ފެންނަކަށް ނިންމައި މަޖިލީހުގެ ތަޅުމަށް އެމައްސަލަ ފޮނުވުމަށެވެ.
އެ މައްސަލަ ދިރާސާ ކުރަން މިއަދު ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ފޮނުވާފައިވަނީ ޖޭއެސްސީން އިންޓަވިއުކޮށް، ރަނގަޅަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އެހެންވެ، މިކަމުގައި ކޮމިޓީން ދެން އިތުރަށް ކުރާނެ ދިރާސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޓީން ޝަހީދަށް ރުހުން ދޭން ފާސްކޮށް، މައްސަލަ ވަނީ މަޖިލިހުގެ ތަޅުމަށް ފޮނުވައިފަ އެވެ. މާދަމާ މަޖިލީހުން އެ މައްސަލާގައި ގޮތެއް ނިންމާނެއެވެ.




