ރާއްޖެ އިން ޙައްޖަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލު އިސްލާމިކް މިނިސްޓްރީން އެކުލަވާލާ ގެޒެޓްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެކުލަވާލާފައިވާ އުސޫލަކީ ދިވެހި ރާއްޖެއިން ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާއި ހައްޖުގެ ކޯޓާ އާއިމެދު އަމަލުކުރާނެ ގޮތާއި، ހައްޖުގެ ކަންތައްތައް ބެލެހެއްޓުމާއިގުޅޭ އެންމެހާ ސިޔާސަތު ތަކާއި އުސޫލުތަކާއި ހަމަތަށް ބަޔާންކުރުމާއި އަދި އެ ކަންކަމާ އެއްގޮތަށް ދިވެހި ރާއްޖެއިން ހައްޖަށް މީހުންގެދާ ފަރާތްތަކުން އަމަލުކުރާކަން ކަށަވަރުކުރާނެ ހަމަތަށް ބަޔާންކުރާ އުސޫލެކެވެ.
މި އުސޫލާއެކު ޙައްޖާ ގުޅޭ ގޮތުން ރައްޔިތުންނަށް ލުއި އަގެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށް ދިނުމާއި، ޙައްޖަށް ދިއުމުގެ ގަސްތުގައި ރައްޔިތުން ދައްކާ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާ އެކު ބެލެހެއްޓުމުގެ ގޮތުން، ޙައްޖަށް ދިއުމަށް ޓަކައި އެއްކޮށް ފައިސާ ދެއްކޭ ގޮތަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކޭނެފަދަ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ޙައްޖު ކިއު ލިސްޓު ކުޑަކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ.
ދިވެހި ރައްޔިތުން ހައްޖަށް މީހުން ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށް ދޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަމަށާއި، އަދި ޙައްޖު ކިއު ކުޑަކުރުމުގެ ގޮތުން ފައިސާ ދައްކާ ފަރާތްތަކަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހައްޖަށް މީހުން ގެންދިއުމުގައި ކުރިން އަމަލުކުރަމުން އައި ބައެއް ސިޔާސަތަށް ވަނީ މި އުސޫލުގެ ދަށުން ބަދަލުކޮށްފައެވެ.
އެގޮތުން:
- އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން
- ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައެޅުން.
- ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ޞިއްޙީ ހާލަތަށް ބަލައި އެހީތެރިއަކު ހަމަޖެއްސެއްމުގެ ފުރުޞަތު ދެވޭނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭނަމަ (ޙައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިނުވާ) އެ މީހަކަށް ނުވަތަ އެހީތެރިއެއްގެ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމަށް ފުރުޞަތު ދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ބުނެވިދިޔަ ފަދަ އާއިލާގެ މީހެއް ނެތިފައި، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި.
- ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވެފައިވާ ނަމަ.




