މިދިޔަ އަހަރު ރާއްޖެއިން ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ޓީބީ އަކީ މައިކްރޯބެކްޓީރިއަމް ޓިއުބޮކިއުލޮސިސް ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމުކޮށް މިބަލި ޖެހެނީ ފުއްޕާމެއަށެވެ. ޓީބީ ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ.
2024 އަހަރު ރާއްޖއއިން ޓީބީގެ 148 ކޭސް ރިޕޯޓުކޮށްފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓީބީ ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވާ ކަމަށާއި އަދި އެ އަހަރު ދުނިޔެއިން 10.8 މިލިއަން މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 6 މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނފައި ވެއެވެެ.




