ކަނޑުމަގުން ރާއްޖެއަށް 7 ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީންގެ ވަނަވަރު ފުލުހުން އާއްމުކޮށްފި އެވެ.
ފުލުހުން ބުނީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 މާރިޗް 21 ވަނަ ދުވަހު ދަންވަރު މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް އާއި ގުޅިގެން ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
އެ އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމށްވެސް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށްވާ ނަސްވަން އާދިލް (30އ) އާއި އެޑްރިއަންސަޔާ (25އ) އާއި މުޙައްމަދު އިޤްބާލް މަކްރޫމް (30އ) ގެ އިތުރުން އިންޑިއާއާގެ ރައްޔިތުން ކަމަށްވާ ޕްރަބާކަރަން ނަގަރާޖަން (35އ) އާއި ރޯމަންސް ސަންތިޔާ ފެނާންޑޯ (58އ) ގަނޭޝް ބޮމްމާލީ (22އ) އާއި ޑަތުކިލޭ ދަރްޝަން ވިޖޭ (22އ) އާއި ޕީޓާ ވިނީ (28އ) އާއި ސަރަން ޕަދްމަން (28އ) އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް (30އ) ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުން ކޯޓަށް މުއްދަތު ޖަހަން ގެނދިއުމުން ހައްޔަރުކުރި 10 މީހުންގެ ތެރެއިން އިންޑިއާގެ ރައްޔިތުން ކަމަށްވާ ގަނެޝް ބޮންމާލީ އާއި، ޕީޓާ ވިނި އާއި، ޕްރަބަކަރަނަ ނާގަރާޖަން އާއި، އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށްވާ އެޑްރިއަންސްޔާ އާއި އަދި މުހައްމަދު އިކްބަލް މަކްމުރު ބަންދަށް ކްރިމިނަލް ކޯޓުން ވަނީ5 ދުވަސް ޖަހައިފަ އެވެ.
އަދި އިޑިއާގެ ރައްޔިތުން ކަމަށްވާ ސަރަން ޕަދްމަން އާއި ރޯމަންސް ސަންތިޔާ ފެނާންޑޯ އަދި ގޮވްސިކް ރާޖް ޖޭމްސް ނޮކްސްގެ އިތުރުން އިިންޑޮނޭޝިއާގެ ނަސްވަން އަދިލް ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 1 ދުވަސް ޖަހައިދީފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




