ވައުދުވީތާ 2 މަސްނުވަނީސް އުތީމާއި ތަކަންދޫ އަދި މާރާންދޫގައި އޭޓީއެމްގެ ޙިދުމަތް ދޭން ފަށައިފި އެވެ.
ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހއ. އުތީމާއި، ހއ. ތަކަންދޫ އަދި އެ އަތޮޅު މާރަންދޫގައި އޭޓީއެމް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެ ރަށްތަކަށް ކުރެއްވި ދަތުރުުޅުތަކުގައި ވިދާޅުވިތާ 2 މަސްނުވަނީ އެ ރަށްތަކުގައި އޭޓީއެމް ގެ ޚިދުމަތް ދޭން މިއަދުވަނީ ފަށާފައެވެ.
އެގޮތުން އެ އަތޮޅު އުތީމުގައި އޭޓީއެމް ގެ ޙިދުމަތް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ. އެއަތޮޅު ތަކަންދޫ އަދި މާރަންދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިގް އިބްރާހީމެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އަމާޒަކީ ކިތަންމެ ކުޑަ އާބަދީއެއް އޮތް ރަށެއްނަމަވެސް ބޭންކުގެ ޚިދުމަތް ދިނުންކަމަށެވެ.
މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.