ޙުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ 14 މާރިޗު 2025 ވަނަ ދުވަހުގެ 19:04 އެހައިކަށްހައިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީ.އީ.އޯ ޙުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާކަމަށް ބުނެ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅި މައްސަލަ އެ ޚިދުމަތުން ތަޙުޤީޤުކުރުމަށް ފަހު، 23 މާރިޗު 2025 ދުވަހު ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލާގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ހެކި ޤަރީނާ މި އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދަޢުވާ ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިއަކަށް އިންޒާރުދިންކަމަށް ބުނާ މައްސަލާގައި ދަޢުވާ ނުކުރުމަށް ނިންމުން https://t.co/NjqDKDp5LM pic.twitter.com/6r8zeGyosC
— Prosecutor General’s Office (@PGO_MV) March 24, 2025
ޕީޖީއޮފީހުން އިތުރަށް ބުނީ އިންޒާރުދިނުމުގެ ކުށް ޤާނޫނުގައި ތަޖުރީމުކޮށްފައިވާ ގޮތަށް ބަލާއިރު؛ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ ބާބު – އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިކަމަށް ވާނަމައެވެ. އަދި މީހަކަށް އަނިޔާއެއް ލިބިދާފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމައެވެ.
އަދި ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާ – އިންޒާރެއް ދިންކަމަށް ޤާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ޢާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމައެވެ.
އެހެންކަމުން ޙުސައިން ފިޔާޒް މޫސާގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ޤާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް ކަމަށްވާއިރު، މިއީ އިސްވެ ދެންނެވުނު ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ ޢަމަލަކަށްނުވާތީ މިއީ ޖިނާއީ ދަޢުވާއެއް ކުރެވޭނެ މައްސަލައެއް ނޫންކަމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.




