ބަނގުލަދޭޝްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުއިއްޒު އެގައުމުގެ ވެރިންނާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑޮކްޓަރ މުޙައްމަދު ޔޫނުސް އަށާއި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮންނަ ގާތް އަދި މުޙްތަރަމް ގުޅުން ހަރުދަނާކޮށްދެނީ، ސަރަޙައްދީ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމާއި ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާމެދު ދެ ޤައުމުން ހިއްސާކުރާ ޤަބޫލުކުރުންތައް ކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވަނީ، ތަފާތު ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމުގައި ދެމިތިބެ، ދެ ޤައުމަށްވެސް މަންފާ އިތުރުވާނޭ ފަދަ ގޮތެއްގައި މިގުޅުން ކުރިއަރަމުންދާނޭކަމުގެ ޔަޤީންކަން އޮތްކަން ހާމަކުރައްވާފައެވެ.
ބަންގްލަދޭޝަށް މިނިވަންކަން ލިބިފައިވަނީ 1971 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުގައެވެ.




