މިޔަންމާ އަށް އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގެ އަސަރު އަސަރު އިންޑިއާ، ބަންގްލަދޭޝް، ލާއޯސް، މިޔަންމާ، ތައިލެންޑް އަދި ޗައިނާއަށް ކޮށްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފިއެވެ.
ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ބިންހެލުމުގެ ފުރަތަމަ ލޮޅުންތައް އައިސްފައި ވަނީ މިޔަންމާގެ ސައްގާއީ ސަރަޙައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރުން ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. އަދި ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ބެންގކޮކަށް ވެސް ބޮޑެތި ލޮޅުންތަކެއް އެރިއެވެ. ލޮޅުންތައް އެރުމާ އެކު، އެތަކެއް ސަތޭކަ ބަޔަކު ވަނީ އިމާރާތްތައް ދޫކޮށް މަގުތަކަށް ނިކުމެފައެވެ. ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތައިލެންޑުގެ އުތުރުގައި އޮތް ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޗިއަންގ މާއީއަށެވެ.
މިޔަންމާއަކީ ބިންހެލުން ފަދަ ލޮޅުންތައް ޢާންމު ސަރަޙައްދެއް ކަމަށްވާ ސައްގާއީ ފޯލްޓްގައި އޮންނަ ގައުމެކެވެ. މި ގޮތުން، 1930 އާއި 1956 ވަނަ އަހަރާ ދެމެދު އެ ޤައުމުން ރިކްޓަރ މިންގަނޑުން 7 މެގްނިޓިއުޑް އަަށްވުރެ ބާރު ގަދަ 6 ބިންހެލުމެއް ރެކޯޑު ކުރެވިފައިވެއެވެ. 2016ވަނަ އަހަރު ވެސް މިޔަންމާއަށް ރިކްޓަރ މިންގަނޑުން 6.8 މެގްނިޓިއުޑު ގައި ރެކޯޑު ކުރެވިފައިވާ ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ.
މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ދިއްލީ ގެ އެކި ހިސާބުތަކަށާއި، މަނިޕޫރް އަދި ބެންގަލޫރަށްވެސް ވަނީ ބިންހެލުންތަކެއް އައިސްފައެވެ.




