ތ. މަޑިފުށީ ފްރެންޑްސް ޕްރިންޓުން އިންތިޒާމް ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލެވުނު 4 ވަނަ ޤުރްއާން މުބާރާތުގެ ރަންތާޖު ތ. މަޑިފުށި، ފެނަކަ މުއައްސަސާއިން ބައިވެރިވި ސާމިހާ މުޙައްމަދު ހޯދައިފިއެވެ.
ރަމަޟާން މަހުގެ 22 އަދި 23 މި ދެ ދުވަހު ކުރިއަށް ގެންދިޔަ މިމުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ފެނަކަ، ތ. މަޑިފުށި ބުރާންޗުގެ މޭނޭޖަރ ޢަބްދުﷲ ޔާސިރެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަށް ޓްރޮފީ ވަނީ ދީފައެވެ.
މުޅި މުބާރާތުން 1 ވަނަ އަށް ހޮވުނު ބައިވެރިޔާއަށް ޓްރޮފީގެ އިތުރުން ލެޕްޓޮޕް އަދި މުބާރާތަށް ހާއްސަ ކުރެވިފައިވާ ރަންތާޖު ވަނީ ދީފައެވެ. މުބާރާތުގެ 2 ވަނައަށް ހޮވުނު ބައިވެރިޔާއަށް ޓްރޮފީގެ އިތުރުން ޑިޖިޓަލް ޤުރްއާން ޚަތިމެއް ވަނީ ދީފައެވެ. އަދި 3 ވަނައަށް ހޮވުނު ބައިވެރިޔާއަށް ޓްރޮފީގެ އިތުރުން މުސްޚަފަކާއި މުސައްލައެއްވަނީ ދީފައެވެ.
މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލާ ކިޔުމުގެ ގޮފިން ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު 3 ބައިވެރިން ހޮވިއިރު 5 އަހަރުން ދަށުގެ އުމުރު ފުރާއިން އެންމެ މޮޅު 10 ބައިވެރިން ވަނީ ހޮވާފައެވެ.
އަދި މީގެ އިތުރުން ތަރުންނަމް އަލް ޤުރްއާނުގެ ބައިން އެންމެ މޮޅު 3 ބައިވެރިން ވަނީ ހޮވާފައެވެ. މިގޮތުން މުޅި މުބާރާތުގެ ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ ތ. ހިރިލަންދޫ، ކެލެފޯނިއާ ޔޫސުފް ޝާފިޢުއެވެ. މިބައިން 2 ވަނަ ދެ ބައިވެރިއަކު ހޯދާފައި ވެއެވެ.
އެއީ ތ. ވަންދޫ، ޖަޒީރާ، މުޙައްމަދު ޔަނާލް ގެ އިތުރުން، ގއ. ނިލަންދޫ، އިރުދޭމާގޭ މަރިޔަމް މިންހާ މުޙައްމަދެވެ. އަދި 3 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި، ވިނަރެސް، ޝަނަމް ބިންތު އަޙްމަދު ޒިޔާމެވެ.
މުޅި މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިން 1 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި، ފެނަކަ ސާމިހާ މުޙައްމަދެވެ. 2 ވަނަ ހޯދާފައިވަނީ ތ. ދިޔަމިގިލި، ހެޕީސައިޑު، އައްރައުހާ ބިންތު ޙަސަން ޢަލީ އަދި 3 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި، ފިތުރޯނުގެ އަޙްމަދު ރިޟާން ޙަސަންއެވެ.
އާންމުންގެ ބައިން ފަޚްރުވެރި 1ވަނަ ހޯދާފައިވަނީ ތ. މަޑިފުށި މުސްތަރީގޭ ސަކީނާ ޢަލީ، 2 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި އެދުރުގެ، ހަނާން ޙަސަން އަދި 3 ވަނަ ހޯދާފައިވަނީ ތ. މަޑިފުށި ބީޗްހެވަން، ރުޤިއްޔާ އަބޫބަކުރެވެ.
މުއައްސަސާ ތަކުގެ ބައިން ފަޚްރުވެރި 1ވަނަ ހޯދާފައިވަނީ ފެނަކަ، ތ. މަޑިފުށި ސާމިހާ މުޙައްމަދެވެ. މުއައްސަސާތަކުގެ ބައިން ފަޚުރުވެރި އެއްވަނަ ހޯދާފައިވާ މުއައްސަސާއަކީ ވެސް ފެނަކަ، ތ. މަޑިފުއްޓެވެ.
މިފަހަރުގެ މުބާރާތަށް އަލަށް އިތުރުކުރެވުނު ބަންޤި ގޮވުމުގެ މުބާރާތުން ފަޚްރުވެރި 1ވަނަ ހޯދާފައިވަނީ ތ. މަޑިފުށި ނޯބަހާރުގޭ މުޙައްމަދު ނާވީ ނާސިހެވެ. 2 ވަނަ ހޯދާފައިވަނީ ޅ. ނައިފަރު ބިގުފިޝް މުޙައްމަދު ކިޔާން އަންވަރު އަދި 3 ވަނަ ދެބައިވެރިއަކު ހޯދާފައިވެއެވެ. މިގޮތުން 3 ވަނަ ހޯދާފައިވާ ބައިވެރިންނަކީ ލ. ފޮނަދޫ ޔުނިކް އަޙްމަދު ޝައިމް ރިޒާ ގެ އިތުރުން ތ. މަޑިފުށި ފަރަންސާގެ މައުލަފް މުޚްތާރެވެ.
މިމުބާރާތަކީ މަޑިފުށީގެ ފްރެންޑްސް ޕްރިންޓުން އިސްނަގައިގެން ރޯދަމަހަށް ޚާއްޞަކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަމުން އަންނަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި 6 އަތޮޅަކުން 79 ބައިވެރިން ބައިވެރި ވެފައިވާކަމީ މުބާރާތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ފްރެންޑްސް ޕްރިންޓްގެ ވެރިޔާ އަޙްމަދު ޒިޔާމް ބުނެފައި ވެއެވެ.
ފްރެންޑްސް ޕްރިންޓުން ބުނީ މުބާރާތުގެ މަޤްޞަދަކީ، ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުންކަމަށާއި ކީރިތި ޤުރްއާން ހިތިދަސް ކުރުމަށާއި ތަޖުވީދުމަށް ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުންކަމަށެވެ. އަދި މީގެ އިތުރުން ކީރިތި ޤުރްއާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ފްރެންޑްސް ޕްރިންޓުންވަނީ ބުނެފައެވެ. މުބާރާތުގައި ކިޔެވި ކޮންމެ ބައިވެރިއަކަށް ބައިވެރިވިކަމުގެ ހަނދާނީ ލިޔުމުގެ އިތުރުން މުސްޚަފެއް ދެވުނެވެ. މިއީ މިމުބާރާތް ބާއްވާތާ 4 ވަނަ ފަހަރެވެ.




