އީދޭ ބުނެފިނަމަ މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް އިހްސާސްކުރެވެނީ ރަށްފުށުގައި ނަގާ ފޯރިއާ މަޖަލެވެ. ކުޑައީދެއް ބޮޑުއީދެއް ތަފާތެއް ނެތެވެ. ވެގެންވާނަމަ މާލޭގަ ދިރިއުޅޭ ފަރާތްތަކުން ބަލަނީ އާއިލާ އާއިއެކު ކޮންމެވެސް ރަށަކަށް ގޮސް އަނބިދަރިންނާއެކު އީދުގެ ހަގީގީ ހިތްހަމަޖެހުމާއި މަޖަލާ ފޯރި ތަޖުރިބާކޮށްލުމަށެވެ.
މާލޭގައި ދިރިއުޅޭ ހުރިހާ އާއިލާތަކަކީ އީދަށް އާއިލާއާއިއެކު ރަށްރަށަށް ދެވޭނެ ފަރާތްތަކެއް ނޫނެވެ. އެހެންކަމުން މާލޭގައި ދިރިއުޅޭ ފަރާތްތަކުން އާއިލާއާއެކު އީދުގެ ހަގީގީ ފޯރިއާއި މަޖާ ތަޖުރިބާކޮށްލަން ސަރުކާރުން މިވަނީ ހާއްސަ ކަންތައްތަކެއް ކުރަން ރާވާފައެވެ.

ސަރުކާރުން އިސްވެ މިފަހަރު މާލޭގައި ހިންގަން ރާވާފައިވާ އީދު ހަރަކާތްތަކަކީ ރަށްފުށުގެ އީދު ފޯރިއަށް ވަކި ދޫނުކުރާނެ ހަރަކާތްތަކެއް ނޫނެވެ. ހުރިހާ އުމުރު ފުތރައަކަށް އީދުގެ މަޖަލާއި ތަޖުރިބާ ލިބޭ ގޮތަށް ގިނަ ހަރަކާތްތަކެއް މިފަހަރު ވަނީ މާލޭގައި ހިންގުމަށް ރާވާފައެވެ.
ދިވެހި ސިފައިންނާ ފުލުހުންނާ ޔޫތު މިނިސްޓްރީއާއި ސަރުކާރުގެ ކުންފުނިތަށް ގުޅިގެން އެދަނީ މިފަހަރު މާލެއަށްވެސް އީދު ގެންނަން ތައްޔާރުވަމުންނެވެ. އެގޮތުން އެ މުވައްސަސާތައް ގުޅިގެން ހިންގާ ހަރަކާތްތައް މާލޭގެ 3 ސަރަހެއްދެއްގައި އީދު ދުވަހުގެ ހަވީރު 4 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ފަރާތުން ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހު ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުމާއި، އަސްކަރީޔާ އާއި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް މިފަހަރުގެ އީދުގައި ލިބިގެންދާއިރު، އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ސިފައިންގެ ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިފަހަރު ލިބިގެންދާނެއެވެ. މީގެ އިތުރުން ހސިފައިންގެ ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ އީދުގައި ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ފަރާތުން ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވ އެއް ދައްކާލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ސިފައިންގެ ފަރާތުން ފެނުގެ އެކި ކުޅިވަރުތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

މިޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ.




