މާލޭގައި ކުލަ ގަދަކޮސް ޢީދު ފާހަގަކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ބާއްވާ ބޮޑު ހަރަކާތް މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ދިވެހި ސިފައިންނާ ފުލުހުންނާ ޔޫތު މިނިސްޓްރީއާއި ސަރުކާރުގެ ކުންފުނިތަށް ގުޅިގެން ހިންގާ ހަރަކާތްތައް މާލޭގެ 3 ސަރަހެއްދެއްގައި މިއަދު ހަވީރު 4 އިން 6 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަރަކާތްތަކުގެ ތެރޭގައި ކުންފުނިތަކުގެ ފަރާތުން ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހު ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުމާއި، އަސްކަރީޔާ އާއި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް މިފަހަރުގެ އީދުގައި ލިބިގެންދާއިރު، އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ސިފައިންގެ ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިފަހަރު ލިބިގެންދާނެއެވެ. މީގެ އިތުރުން ހސިފައިންގެ ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ އީދުގައި ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ފަރާތުން ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވ އެއް ދައްކާލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ސިފައިންގެ ފަރާތުން ފެނުގެ އެކި ކުޅިވަރުތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.
މިޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ.




