ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމް "ސިކަންދަރު" ރިލީޒް ކުރި ދުވަހު އިންޓަނެޓް ގައި ލީކުކޮށްލައިފި އެވެ.
މި އަހަރުގެ މިހާތަނަށް ބޮލީވްޑް އިން ރިލީޒް ކުރާ އެންމެ ބޮޑު ފިލްމް ޕައިރެޓުންގެ ކިބައިން ސަލާމަތްކުރަން ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ފިލްމު ރިލީޒްކުރި ދުވަހު އިންޓަރނެޓް ގައި ވަނީ ލީކުކޮށްލާފައެވެ.
އިއްޔެ ދުނިޔޭގެ ސިނަމާތަކުގައި ރިލީޒްކުރި 2 ގަޑިއިރާއި 20 މިނެޓުގެ މި ފިލްމު ހައި ޑެފިނިޝަންގައި އޮންލައިންކޮށް ލީކުކޮށްލާފައިވާއިރު، ޓެމިލްރޮކާސް، މޫވަރޫލްޒް، ފިލްމިޒިލާ އަދި ޓެލެގްރާމް ފަދަ މަޝްހޫރު ޕައިރޭސީ ވެބްސައިޓްތަކުން ވަނީ މި ފިލްމު ގެނެސްދީފަ އެވެ.
ސަލްމާން ޚާންގެ "ސިކަންދަރު" އޮންލައިންކޮށް ލީކުވިތާ ގަޑިއިރުތަކެއް ފަހުން ފިލްމު އުފެއްދިު ފަރާތްތަކާއި ފޭނުން ވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ރިލީޒްކުރި ދުވަހު 3000 އަށް ވުރެ ގިނަ ޕައިރޭޓެޑް ލިންކް ޑައުންކޮސްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.
"މިޑް ޑޭ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާޖިދު ނަދިއަދްވާލާގެ ޕްރޮޑަކްޝަން ހައުސްއިން ވަނީ ފިލްމު ޕައިރޭސީ ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ގާތްގަނޑަކަށް 1،000 އެއްހާ އެކައުންޓް ފާހަގަކޮށްފަ އެވެ. ޕައިރޭސީއާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން ސަލްމާނާއި ސާޖިދު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ސައިބާ ސެކިއުރިޓީ ޓީމާއި ލީގަލް އެޑްވައިޒަރުންނާ އެކު މަސައްކަތް ކުރަމުންނެވެ.
އެކްޝަން-ތުރިލާ ފިލްމް "ސިކަންދަރު" ދުނިޔޭގެ ސިނަމާތަކުގައި މިއަދު އަޅުވާއިރު ފިލްމާ މެދު އުއްމީދުތައް ބޮޑު ނަމަވެސް އިންޑިއާގައި ރިލީޒްކުރި ދުވަހު ފިލްމަށް ލިބުނީ އަންދާޒާތަކަށް ވުރެ ދަށް ކާމިޔާބީއެކެވެ. ފުރަތަމަ ދުވަހު މި ފިލްމަށް އިންޑިއާގައި ލިބިފައިވަނީ އެންމެ 260 މިލިއަން ރުޕީސް އެވެ. ނަމަވެސް މިއަދު މުޅި ދުނިޔޭގައި މި ފިލްމަށް 540 ކްރޯޑް ރުޕީސް ގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.




