ކުލަގަދަކޮށް އީދުފާހަގަކޮށްދިނުމުގައި ބައިވެރިވި ކުންފުނިތަކާއި މުވައްސަސާތަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޝުކުރު ދަންނަވައިފިއެވެ.
އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ 1446 ވަނަ އަހަރުގެ ފިތުރު އީދު މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައްކުރައްވައި، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދެއްވުމުގައި ބާއިވެރިވެލެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) April 1, 2025
އެގޮތުން އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި އިސްލާމިކް މިނިސްޓަރީ އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރީ އާއި ދިވެހިބަހުގެ މިނިސްޓަރީއާއި، ސްޕޯޓްސް މިނިސްޓަރީ އާއި ސިފައިންނާ އފުލުހުންގެ އިތުރުން ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެސްޓީއޯ، އެމްޓީސީސީ، އެމްއޭސީއެލް، ސްޓެލްކޯ، ވެމްކޯ، އެމްޑަބްލިޔުއެސްސީ، އެޗްޑީސީ، އާރުޑީސީ، އެމްޕީއެލް އަދި ޕީއެސްއެމް ހިމެނެއެވެ.
މިއަހަރު ފިޠުރު ޢީދު ފާހަގަކުރުމަށް، ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މުޅި ރާއްޖެ ޢީދަށް ދިއްލާލުން ހިމެނެއެވެ. މިމަސައްކަތުގެ ތެރެއިން 64 ރަށެއް ޢީދަށް ވަނީ ދިއްލާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އާބާދީ ބޮޑެތި ރައްތަކާއި ސިޓީތައް ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކޮންމެ ޢީދަކާއި ދިމާކޮށް، މިހާރު ކުރަމުން އަންނަ މަސައްކަތެކެވެ.




