އިންޑިއާ އަށް އާދަޔާހިލާފު ހޫނު ދުވަސްވަރެއް ކުރިމަތިވާން އުޅޭކަމުގެ އިންޒާރު އެގައުމުގެ މޫސުމާބެހޭ އިދާރާތަކުން ދީފި އެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ބުނީ އޭޕްރީލް މަހުން ފެށިގެން ޖޫން މަހާ ދެމެދު އިންޑިއާގައި އާދަޔާ ހިލާފަށް ހޫނު ގަދަވާނެ ކަމަށެވެ. އައިއެމްޑީގެ އިންޒާރުގައި ބުނެފައިވަނީ ހޫނު ގަދަވާ ދުވަސްތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި ހާއްސަކޮށް މެދުތެރެ އާއި އިރުމަތީ ސަރަހައްދުގެ އިތުރުން ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި ހޫނުގަދަވާ ދުވަސްތައް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) ގެ ޗީފް މަރުތުޔަންޖޭ މޮހާޕަތުރާ ވިދާޅުވީ ގިނަ ސަރަހައްދުތަކުގައި ފިނިހޫނުމިން އާދަޔާ ހިލާފަށް މަތިވާނެ ކަމަށާއި، މިނިމަމް ފިނިހޫނުމިން ވެސް އެވްރެޖަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
އާންމުގޮތެއްގައި އިންޑިއާގައި މި މުއްދަތުގައި 4 ނުވަތަ 7 ވަރަކަށް ހޫނު ގަދަ ދުވަސްވަރު ރެކޯޑް ކުރެވިފައިވާއިރު، ކުރިއަށް އޮތް ހޫނު މޫސުމުގައި ގިނަ ސަރަހައްދުތަކެއްގައި އެ އަދަދު ގާތްގަނޑަކަށް ދެ ގުނަ އަށް އަރާނެ އެވެ. މީގެ ކުރިން އައިއެމްޑީއިން ނެރުނު ޕްރޮޖެކްޝަނެއްގައި ވަނީ ހުޅަނގު އުތުރު އިންޑިއާއަށް އާދަޔާ ހިލާފަށް ހޫނުގަދަވާ ދުވަސްތަކަށް ވުރެ ދެ ގުނަ ހޫނު ގަދަވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހޫނުގަދަވުމުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ސްޓޭޓްތަކުގެ ތެރޭގައި ރާޖަސްތާން، ގުޖުރާތު، ހަރިޔާނާ، ޕަންޖާބު، މަދްޔަ ޕްރަދޭޝް، މަހާރަޝްތުރާ، އުއްތަރަ ޕްރަދޭޝް، ބިހާރު، ޖަރްކަންދް، ވެސްޓް ބެންގާލް، އޮޑިޝާ، ޗައްތިސްގަރް، ތެލަންގަނާ، އަންދްރަ ޕްރަދޭޝް އަދި އުތުރު ކަރްނާޓަކާ އަދި ޓަމިލް ނާޑޫގެ ބައެއް ސަރަހައްދުތައް ހިމެނެ އެވެ.
ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަރަންޓުގެ ޑިމާންޑް އިތުރުވާނެ ކަމަށް ބެލެވޭތީ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަންދާޒާތަކުން ދައްކާ ގޮތުގައި ހޫނު މޫސުމުގައި ޑިމާންޑް ނުވަ ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވާނެ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު އިންޑިއާގެ ކަރަންޓުގެ ޕީކް ޑިމާންޑް 250 ގިގަވޮޓް (ޖީޑަބްލިއު) އަށް އަރާފައިވާއިރު، މިއީ ފުރަތަމަ އަންދާޒާކުރި އަދަދަށްވުރެ 6.3 އިންސައްތަ އިގެ ކުރިއެރުމެކެވެ. މިއަހަރު ހޫނު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކަރަންޓު ބޭނުންކުރާ މިންވަރު މިއަށްވުރެ ވެސް މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.
ފިނިހޫނުމިން މައްޗަށް ދާއިރު، ކަރަންޓުގެ ދަތިކަމާއި ސިއްހީ ނުރައްކާތައް ހިމެނޭ ގޮތަށް ދިގު މުއްދަތަކަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ސްޓޭޓްތަކަށް އިލްތިމާސް ކުރަމުންނެވެ. އެގޮތުން ހައިޑްރޭޓްވެ ތިބުމަށާއި، ޕީކް ގަޑިތަކުގައި ސީދާ އިރުގެ އަލިން ދުރުހެލިވުމަށާއި، ހޫނުގަދަވުމުގެ ސަބަބުން ދިމާވާ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.




