ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އައު ޓާމިނަލްގެ މަސައްކަތްކުރާ ބިދޭސީންތަކެއްގެ މެދުގައި ބޮޑު މާރާމާރީއެއް ހިންގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ވެލާނާ އެއާޕޯޓްގެ ޓާމިނަލް ހެދުމުގެ މަސައްކަތްކުރަމުންދާ ބިދޭސީންގެ މެދުގައި ހިންގި މާރާމާރިއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އެމީހުންގެ ތެރެއިން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށާއި އަނިޔާވީ ކިހާ މީހުންނަށްކަމެއް އަދި ސާފު ނުވާ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް އޮންލައިން ނޫސް "މިހާރު" އަށް ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި 10 މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި ނަމެވްސް އެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށެވެ. އަދި ފަރުވާ ދެމުން އަންނަނީ ޗައިނާ އާއި އަރަބި ގައުމެއްގެ މީހުންނަށްކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފލުހުންވެސް އަދި ބުނެފައެއް ނުވެއެވެ.




