ފުޓްބޯލް ފޯ ޕީސްގެ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ލިވްޕޫލް ފުޓްބޯލް ކުލަބާއެކު އެމްއެމްޕީއާރުސީން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށްވެފައިވާ ޕާޓްނާރޝިޕް ގެ ހަރަކާތްތަށް ރަސްމީކޮށް ފައްޓަވައިދެއްވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޓްބޯލް ފޯ ޕީސްގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ފުޓްބޯލް ފޯ ޕީސް ގެ އިސްވެރިންގެ ތެރެއިން، އެ ޖަމުޢިއްޔާގެ ބާނީއާއި ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއް ކަމުގައިވާ ކަޝިފް ސިއްދީޤީ އާއި ބްރެޑްފަޑް ސިޓީ އޮފް ކަލްޗަރ 2025 ގެ ސީއީއޯ ޝަހްނާޒް ގުލްޒާރު އެވެ.
މި ހަރަކާތުގައި، ޔުނިވަރސިޓީގެ ޕީސް ސެންޓަރާއެކު ފުޓްބޯލް ފޯ ޕީސްއިން ކުރިއަށްގެންދާ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ރައީސަށް ދެއްވިއެވެ. އަދި ފުޓްބޯޅަ ދަނޑުތަކަށް ޒިޔާރަތްކުރައްވައި، އެވަގުތު އެތަނުގައި ތަމްރީނުކުރަމުންދިޔަ ޒުވާނުންނާ ބައްދަލުކުރެއްވިއެވެ.
2013 ވަނަ އަހަރު އުފެދުނު ފުޓްބޯލް ފޯ ޕީސްއަކީ އދ.ގެ ސްޕޯޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް އޮފީހުގެ އެހީތެރިކަމާއެކު، އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ މަދަނީ ޖަމްޢިއްޔާއެކެވެ.




