މަދުން ނޫނީ ނުފެންނަ އާތް މެޓަލް ޑިޕޮސިޓް ގެ އެއްމެ ބޮޑު ރިޒާވް ކަޒަކިސްތާނުން ފެނިއްޖެއެވެ.
އޭޝިއާގެ މުސްތަގުބަލާ ގުޅިފައިވާ މި ހޯދުމަކީ އިގްތިސާދަށް މުހިންމު ބަދަލަކަށްވާނެ ކަމަށާއި އާތްމެޓަލް ރިޒާވް 1 މިލިއަން ޓަނަށް ވުރެ މަތިވާނެ ކަމަށް ބުނެއެވެ.
މި ހޯދުމުގައި އެކުލެވޭ 17 ބާވަތެއްގެ މިނަރަލްސް އަކީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ކޮންމެހެން ބޭނުންތެރި އަދި ޗައިނާ، ރަޝިއާ، އެމެރިކާ އަދި ޔޫރަޕް ފަދަ ގައުމުތަކުން ވަރަށް ބޮޑަށް ބޭނުންވާނެ އެއްޗެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުޒްބެކިސްތާނުގައި ފަށާ އީޔޫ-ސެންޓްރަލް އޭޝިއާގެ ފުރަތަމަ ސަމިޓާ ދިމާކޮށް ކަޒަކިސްތާނުގެ އިންޑަސްޓްރީ މިނިސްޓްރީގެ ތަރުޖަމާނަކު އޭއެފްޕީއަށް ވިދާޅުވީ މަދުން ނޫނީ ނުފެންނަ އާތުސް ޑިޕޮސިޓް އެއްމެ ގިނަ އަދަދަކަށް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. ކަޒަކިސްތާނުގެ މެދުތެރޭގެ ކަރަގަންޑާ ސަރަޙައްދުގައި ވާ މި ޑިޕޮސިޓްގައި ސެރިއަމް، ލެންތަނަމް، ނިއޯޑިމިއަމް އަދި ޔެޓްރިއަމް ހިމެނޭކަމަށް އެފަރާތްތަކުން ބުނެއެވެ.
ވަސީލަތްތަކުން މުއްސަނދި ކަޒަކިސްތާން ސަރަހައްދަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި އީޔޫ، ރަޝިއާ، ޗައިނާ އަދި ތުރުކީ ހިމެނެ އެވެ.
2050 ވަނަ އަހަރާ ހަމައަށް ކާބަން ނިއުޓްރަލިޓީ ހާސިލްކުރުމަށް އަމާޒު ހިފާފައިވާ އީޔޫއިން ކަޒަކިސްތާނުގެ މި މައުދަން ހޯދުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ކަޒަކިސްތާން މުސްތަގުބަލުގައި ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.




