ލިވަޕޫލް ފުޓްބޯލް ކްލަބް އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، އިނގިރޭސިވިލާތުގެ ލިވަޕޫލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފަށާ ފުޓުބޯޅަ މެޗު ކަމަށްވާ އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަރޓަން އާއި ލިވަރޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) ބައްދަލުކުރި މި މެޗު ބައްލަވައިލައްވާފައެވެ.
އެ މެޗުގައި ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އާއި ލިވަޕޫލް ގުޅިގެން، ކޯ ބްރޭންޑަޑް އިނީޝިއަޓިވެއްގެ ގޮތުގައި ކުރިއަށްގެންދާ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން، ރަސްމީކޮށް ފަށާފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ދަތުރުފުޅުގައި ފުޓްބޯލް ފޮރ ޕީސްގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައިވެއެވެ. އަދި ޔުނިވަރސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރައްވައި އެ ޔުނިވަރސިޓީގެ އިސްވެރިންނާއި، ލީޑްސް ސެންޓްރަލް އެންޑް ހެޑިންގްލީގެ މަޖިލީސް މެންބަރާވެސް ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ލޯރޑް މޭޔަރ އޮފް ލީޑްސްއާއި، ވެސްޓް ޔޯކްޝަޔާގެ މޭޔަރާވެސް ބައްދަލުކުރައްވާފައެވެ.
އަދި އިނގިރޭސިވިލާތުގައި ތައުލީމު ހާސިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ލަންޑަންގެ ނަމްބަރ 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމް.އެސް.އޭ-ޔޫކޭ)ގެ ތަނެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.




