އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ޕާލިމަންޓްރީ މެމްބަރު ޑރ ޝަމްހީދު ފާޅުކުރައްވައި އެ ޕާޓީގެ ބައެއް މެމްބަރުންނަށް މިއަދު ވަނީ މެސެޖް ކުރައްވާފައެވެ.
2012 ވަނަ އަހަރު އެމްޑީޕީ ވެރިކަން ބަދަލުކޮށް ޑރ ވަހީދު އެކުލަވާލި ކެބިނެޓް ގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި ޝަމްހީދު ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން ތާއިދަށް އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެރިކަން ފާޅ:ުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި އެ ޕާޓީގެ ރައީސް ޝާހިދު ހިމެނިވަޑައިގަންނަވައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފާނެކަމުގެ އަޑުތަކެއް ވަނީ ފެތުރެން ފަށާފައެވެ.
މީގެ އިތުރުން މާލެ ސިޓީގެ މޭޔަރ އާދަމް އާދިމް އާއި ކުރީ ސަރުކާރުގެ ނައިބްރައީސް ފައިސަލް ނަސީމް އާއި ކުރީގެ ހޯރަފުށީޫ ދާއިރާގެ މެމްބަރު ސަލީމް ވެސް ރިޔާސީ ޓިކެޓަށް ވާދަކޮށްފާނެ ކަމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.




