އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އީލޮން މަސްކްއާ ދެކޮޅަށް ހޮނިހިރު ދުވަހު (އޭޕްރީލް 5) "ހޭންޑްސް އޮފް މުޒާހަރާ" ފަށާފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ އެމެރިކާގެ އެކި ސިޓީތަކަށް އެއްވެފަ އެވެ.
ޓްރަމްޕްގެ ސަރުކާރުގެ ސިޔާސަތުތަކާއި އީލޮން މަސްކްއާ ދެކޮޅަށް ތެދުވުމަށް މެސަޗޫސެޓްސްގެ ބޮސްޓަންއަށް މުޒާހަރާގެ ބައިވެރިން ވަނީ އެއްވެފަ އެވެ. މެރީލޭންޑްގެ ޑިމޮކްރެޓިކް ޕާޓީގެ މަންދޫބު ޖޭމީ ރަސްކިން ވޮޝިންޓަން ޑީސީގައި ތިބި މީހުންނާ މުހާތަބު ކުރައްވައި ވިދާޅުވީ ކެނެޑާ އަކީ މިނިވަން ގައުމެއް ކަމަށާއި، ޕެނަމާ އަކީވެސް މިނިވަން ގައުމެއް ކަމަށާއި، އެ ގައުމުތަކަށް އަތްބާނަން ނޫޅުއްވުމަށާއި ވޮޝިންޓަން ޑީސީއަށް ސްޓޭޓެއްގެ ދަރަޖަ ދިނުމަށެވެ.
އަދި މުޒާހިރާގެ ބައިވެރިން ބުނަމުންދިޔައީ ގަލްފް އޮފް މެކްސިކޯ އަކީ ގަލްފް އޮފް މެކްސިކޯ ކަމަށާއި އެއީ ގަލްފް އޮފް އެމެރިކާ ނޫން ކަމަށެވެ. އަދި އެމެރިކާ ރައްޔިތުން އީލޮން މަސްކު ވެރިކަމަށް ހޮވާފައިނުވާ ކަމަށާއި، އެމެރިކާގެ ޑިމޮކްރަސީގެ މުސްތަގުބަލާ ރައްޔިތުން ކަންބޮޑުވެފައިވާ ކަމަށެވެ.
"ހޭންޑްސް އޮފް" އަކީ މެދު ފަންތީގެ މީހުންނާއި ވަޒީފާ އަދާކުރާ އާއިލާތަކުން ބަރޯސާވާ ޕްރޮގްރާމުތަކުން ރައީސް ޓްރަމްޕާއި އޭނާގެ އެޑްވައިޒަރު އީލޮން މަސްކް އަތް ނުކޮށްޕުމަށް ގޮވާލައި ކޮންގްރެސްގެ މެންބަރުންނާއި ކޮމިއުނިޓީ ލީޑަރުންނާއި "އާންމު ރައްޔިތުން" ކުރިއަށް ގެންދާ މުޒާހިރާ އެކެވެ.
މި ހަރަކާތްތަކުގެ ތެރެއިން 50 ސްޓޭޓެއްގައި 1،100 އަށް ވުރެ ގިނަ އެއްވުންތަކާއި ވިޒިބިލިޓީ އިވެންޓްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.




