ހއ ދިއްދޫގައި ކެއިންބުއިމަށް ބޭނުންކުރާ ލޮނު އުފައްދާ ފެކްޓްރީއެއް ހުޅުވައިފި އެވެ.
ޖަޕާނުގެ ކުންފުންޏަކާ ގުޅިގެން ދިއްދޫގެ ވިޔަފާރިވެރިޔަކު އެ ރަށުގައި ގާއިމްކޮށްފައިވާ ލޮނު އުފައްދާ ފެންކްޓްރީން 3 ބާވަތެއްގެ ލޮނު އުފައްދާނެ ކަމަށް އެ ފަރާތުން ބުނެއެވެ. އައްޔާއި ހޫނު ބޭނުންކޮށްގެން އުފައްދާ ލޮނުގެ ބާވަތްތަކުގެ ތެރޭގައި އާންމު ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ލޮނުމަސް އެޅުމަށް ބޭނުންކުރާ ލޮނާއި އަދި ހާއްސަ ބައެއް ބާވަތްތައްވެސް ހިމެއެވެ.
ދިއްދޫގައި އެ މަސައްކަތްކުރާ ކުންފުނި އެމް-ޑީޕް އިންވެސްޓްމަންޓުން ބުނީ އެ ރަށުގައި ލޮނު ފެކްޓްރީ އަޅަން ނިންމީ ރާއްޖޭގެ މޫދު ލޮނު ޖަޕާނަށް ގެންގޮސް ތަހްލީލުކުރުމުން ރާއްޖޭގެ ލޮނުގައި އެހެންގައުމު ތަކުގެ މޫދު ލޮނަށްވުރެ ކޮލިޓީ ރަނގަޅުވެފައި ސިއްހީގޮތުން ފައިދާކުރަނިވި މާއްދާތައްވެސް ރާއްޖޭގެ މޫދު ލޮނުގައި ގިނަކަމަށް ދައްކާފައިވާތީ ކަމށެވެ. އަދި އެފެކްޓްރީން އުފައްދާ ލޮނު މަހަކު އެއްފަހަރު ޖަޕާނަށް ގެންގޮސް ތަހްލީލް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
ދިއްދޫގައި އެކުންފިނިން ލޮނު ފެކްޓްރީގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ އެރަށުން 150،000 އަކަފޫޓުގެ ބިމެއް 15 އަހަރުގެ މުއްދަތަށް ކުއްތަށް ނަގައިގެންނެވެ. އަދި އެ ފެކްޓްރީގެ ނަތީޖާއަށްބަލައި ރާއްޖޭގެ 4 ސަރަހައްދެއްގައި ލޮނު އުފައްދާ އިތުރު 4 ފެކްޓްރީ ގާއިމްކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




