ޖޭއެސްސީގެ މެމްބަރުކަމަށް ސުޕްރީމް ކޯޓަށް އަލަށް އައްޔަނުކުރެއްވި ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިންޝަހީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 2008/10) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގައި ކުރިން އެ މަގާމް އަދާކުރައްވަމުންގެންދެވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި އަލްއުސްތާޒް ހުސްނުއްސުއޫދު އެވެ.
އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ހުވައިގެ އިޤްރާރުގައި އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، ވަނީ ސޮއިކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އޮނަރަބްލް އަލްއުސްތާޛު ޙުސައިން ޝަހީދާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.




