18 ރަށެއްގެ ސްކޫލް އިމާރާތުގައި ނުނިމި ހުރި މަސައްކަތް ސަރުކާރުގެ 3 ކުންފުޏަކާ ހަވާލުކޮށްފި އެވެ.
މިމަސައްކަތް ކުރުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަށެވެ.
ސްކޫލުތަކުގެ ނުނިމި ހުރި މަސައްކަތްތައް ހަވާލުކުރުމަށް އެޑިއުކެޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢުއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙްއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސައުދީއެވެ.
މީގެ ތެރެއިން 15 ރަށުގެ ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެގޮތުން އެމްޓީސީއާއި ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ:
- ހއ. މޮޅަދޫ
- ހއ. މާރަންދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޭކުރެންދޫ
- ހދ. ނައިވާދޫ
- ށ. ބިލެތްފަހި
- ރ. އިންނަމާދޫ
- ރ. ދުވާފަރު
- ބ. ކުޑަރިކިލު
- ކ. ގުޅި
- އއ. މަތިވެރި
- ތ. ގާދިއްފުށި
- ލ. މާވަށް
- ތ. މަޑިފުށި
- ގދ. ވާދޫ
އާރްޑީސީއާ ހަވާލުކޮށްފައިވަނީ އއ. މާޅޮހާއި، އދ. ފެންފުށި ސްކޫލްގައި ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. ފެނަކައާ ހަވާލުކޮށްފައިވަނީ މ. ވޭވަށު ސްކޫލުގައި ނުނިމިހުރި މަސައްކަތް ކުރުމަށެވެ.
ތައުލީމީ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢުތަކުގެ ޖުމްލަ އަދަދު 114.9 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.




