މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި ހިމެނޭ ގުރާތަކެއް ދައުލަތަށް ނަގައިދުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓުގައި އެދެފިއެވެ.
ގުރާތަކެއް ދައުލަތަށް ނަގައިދިނުމަށް ޕީޖީން ކޯޓުގައި އެދިފައިވަނީ ފުވައްމުލައް ސިޓީގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގެ ދަށުން، އެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ނެޓްވޯކެއް އަތުލައިގަނެ، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ޏ.ފުވައްމުލައް، ދޫޑިގަން. ޒަމާނީގެ، ޙަސަން ޢާޒިމާއި، ޏ.ފުވައްމުލައް، ދޫޑިގަން. ކަރަންކާވިލާ، އަޙްމަދު ނިއުޝާދުގެ މައްޗަށް ދަޢުވާކުރި މައްސަލާގައެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގެ ކުށުގެ ދަޢުވާ 18 މާރިޗު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ މުދާތަކެއް ދައުލަތަށް ނަގައިދނުމަށް އެ މައްސަލާގައި ދައުލަތުން އެދިފައިވެއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، އެ މައްސަލާގައި ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ މުދަލުގެ ތެރޭގައި 4 ސައިކަލާއި، 5 ކާރާއި، 2 ޕިކަޕާއި، 1 ކަނޑު އުޅަނދުގެ އިތުރުން 29 (ނަވާވީސް) ސަންކޮނުއަރ ގުރާއާއި، 9 ރިންގްނެކް ގުރާ ހިމޭކަމަށެވެ.
ގުރާއަކީވެސް އަގުކުރެވޭ އެއްޗެއްކަމުން، އެއީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާއިން ހޯދައިގަނެފައިވާ މުދަލެއް ކަމުގެ ހެކި ލިބިފައިވާތީ، އެތަކެތި ދައުލަތަށް ނަގައިދިނުމަށް އެދުނީކަމަށް އޭނާ ވިދާޅުވިއެވެ.




