މާލޭގެ އުތުރުފަރާތު ބޭރުމަގު (ބޮޑުތަކުރުފާނު މަގު) 4 ލޭނަށް ފުޅާކޮށް ޒާމާނީ ފެންވަރަށް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
މަލޭގެ އުތުރުފަރާތު ބޭރުމަގުން ކޮޅަކަށް އެއްގަމު އުޅަނދު ދުއްވުމަށް 2 ލޭނު ހިމެނޭހެން އެ މަގު ތަރައްގީކުރަން ނިންމާފައިވާކަން މިދިޔަ ފެބްރުއަރީ މަހު 27 ވަނަ ދުވަހު މާލޭގެ ރަސްމީ ފާލަން ހުޅުވި ރަސްމިއްޔާތުގައި ވަނީ ހާމަކުރައްވާފައެވެ. އެއާއެކު އެމްޓީސީސީއާއި އެމަސައްކަތް މިއަދު ހަވާލުކޮސްފައިވަނީ 455 ދުވަހުގެ ތެރޭގައި އެ މަގުގެ މަސައްކަތް ނިންމާގޮތަށެވެ.
ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރު އެމަގު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާ އަށެވެ.
މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް ރޯޑް މާރކިން އަދި ސައިން ބޯޓް ހަރުކުރުންވެސް މި ހިމެނެއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުއްޠަލިބުއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ އެ މަޝްރޫއަކީ މާލޭ ނޯތު ހާބަރާ ހަމައަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށާއި ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ލޯކަލް މާރުކޭޓާ ހަމައަށްކަމަށެވެ. ބޮޑު ތަކުރުފާނު މަގު އެ ސަރަހައްދަކީ ބާރު ބޮޑު ސަރަހެއްދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ރަނގަޅު ޕްލޭންތަކަކާއެކުގައި ކަމަށެވެ.
އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ވަނީ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ތާރީޚާށް ވުރެ ކުރިން އެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށާއި އެހެންކަމުން އެކަމުގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑަށް އެއްބާރުލުން ދެއްވުމަށް އެދިލައްވާ ކަމަށެވެ.




