ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ލަފާގެ މަތިން އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް އަށް ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން މިއަދު (15 އޭޕްރީލް 2025 ވީ އަންގާރަ ދުވަހު) އެ ގައުމުގެ ޕާލަމެންޓް އުވާލައްވާފައި ފިއެވެ.
ޕާލިމަންޓް އުވާލުމަށްފަހު އެގައުމުގެ ރައީސްގެ ނިންމެވުން އެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ހާމަކުރައްވާފައެވެ.
ސިންގަޕޫރުގެ ބާނީ ބޮޑުވަޒީރު ލީ ކުއާން ޔޫގެ ދަރިކަލުން ލީ ސިއެން ލޫންގްގެ ބަދަލުގައި މިދިޔަ އަހަރު އެ ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ވޮންގް އަށް ކުރިއަށް އޮތް އިންތިހާބު ވަރަށް ބޮޑު ޗެލެންޖަކަށް ވެފައިވާކަމަށް މީޑިއާތަކުން ބުނެއެވެ.
ކުރިއަށް އޮތް އާންމު އިންތިހާބުގައި 97 ގޮނޑި ސަރުކާރަށް ގެއްލުމުގެ ބިރު އޮތް ކަމަށާއި، ގިނަ ގޮނޑިތައް ލިބޭނީ، 1959 ވަނަ އަހަރުން ފެށިގެން ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އަށް ކަމަށް ގިނަ ފަރާތްތަކަުން ދަނީ ބުނަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ސިންގަޕޫރަށް އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް ބާއްވާ އިންތިހާބަކަށް ވާތީ މިހާރުގެ ސަރުކާރަށް އެކަމުގެ ގެއްލުން ވަރަށް ބޮދުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.




