ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު މައްސަލަ ހައްލުވެ 2027 ވަނަ އަހަރުގެ ނިޔަލަށް ބޭންކު ރޭޓުގައި ޑޮލަރު ލިބެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން އެމަނިކުފާނު ގެނެސްދޭ ޕޮޑްކާސްޓް "ސްޕޮޓް އޮން"ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށާއި، ސަރުކާރުން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒު ވެއްޖެނަމަ 2027 ގެ ނިއަލަށް ހަމަ އަގުގައި އެންމެނަށްވެސް ޑޮލަރު ލިބެން ފަށާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ޤަވާއިދުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުން އަންނަކަމަށާއި، ޑޮލަރު މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.
މިހާރު މިއަޅާ ފިޔަވަޅުތައް އަޅުގަނޑުމެން އިޢުލާންކޮށްފައިވާ ގޮތަށް ތަންފީޒުވެއްޖެނަމަ، އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް ޑޮލަރު މައްސަލަ ހައްލުވާނެކަން. އެއްކޮށް ރަނގަޅުވާނެ އެކަމަކު ބައިވަރު ފިޔަވަޅުތަކެއް އެބަހުރި. މިހާރު އަޅުގަނޑުމެން މިބަލަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އަސްލު ޑޮލަރު ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް" ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ބޭރުފައިސާގެ ތާށިކަމާއެކު ޑޮލަރު މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އަޅަމުންގެންދާ ކަމަށާއި، ދޫކޮށްލެއްވިފައި އޮތް ބޭރުފައިސާގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރުމުގެ ތެރެެއިން މިއަހަރު ފެށުނު އިރު ބޭރުފައިސާގެ އައު ޤާނޫނަށް އަމަލުކުރަނ ްފަށާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިއާއެކު ރާއްޖޭގެ ބޭރުފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކުންވެސް، ދިވެހި ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން މާރުކުރަން ޖެހޭއިރު، އެހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރު ލިބޭނަމަ އާމްދަނީ 20 އިންސައްތައަށް ބޭންކުތަކަށް މާރުކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.