ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސް ދެ މަޤާމަކަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛާ ޢާޢިޝަތު މުޙައްމަދު އަދި އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛް ޙުސައިން ސާމީ އައްޔަންކޮށްފިއެވެ.
އާއިޝަތު މުޙައްމަދަކީ 2011 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތްކުރަންވަމުން ގެންދަވާ، އެ އޮފީހުގެ އެންމެ ސީނިއަރ އެއް ވަކީލެވެ. ޑީ.ޕީ.ޖީގެ މަޤާމަށް އައްޔަންކުރެވުމުގެ ކުރިން އާއިޝަތު މުޙައްމަދު ހުންނެވީ ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމުގައެވެ.

ޙުސައިން ސާމީއަކީ 2018 ވަނަ އަހަރުން ފެށިގެން އެ އޮފީހުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް އެޙީތެރިވުމަށް އެ އޮފީހުގެ އިސް މަޤާމުތަކަށް މީހުން އައްޔަންކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިދީފައިވާ ބާރެކެވެ.
ޑީޕީޖީގެ މަޤާމަށް އައު ބޭފުޅަކު އައްޔަންކުރެވުނު ނަމަވެސް، އެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛް މަޙްމޫދު ސަލީމް އެ މަޤާމުގައި ދެމި ހުންނަވާނެކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.
ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި މިހާރު ތިއްބެވީ ޙުސައިން ސާމީގެ އިތުރުން، ޝަމްރާ ޝަމީމާއި، މަރްޔަމް ފެޒްލީނާއި، ޢަބްދުالله ރާބިޢުއާޢި، ޙުސައިން ނާޝިދެވެ.




