އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3، ބޭއްވެވި ރަސްމީ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ.
މި ހަފްލާއަކީ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ބޭއްވި ހަފްލާއެކެވެ.
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން 2024، މިއަހަރު ކުރިއަށްދަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސަމޯއާގައެވެ. މި އަހަރަކީ ޕެސިފިކް ސަރަހައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް، ސިޑްސްގެ ޤައުމެއްގައި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވަނީ ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާއި، ޞުލްޙަމަސަލަސްކަމާއި، ތަފާތު ފިކުރުތަކަށް އިޙްތިރާމްކުރުމަކީ، މުޖުތަމަޢުތައް ކުރިއަރައި ދިއުމުގެ މައިގަނޑު ތަނބުތައްކަން ފާހަގަކުރައްވައި، މި އަސާސްތަކުގެ ސަބަބުން، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ހެޔޮވެރިކަމުގެ މަގަށް މަގުފަހިވެގެންދާކަމުގައި ވިދާޅުވިއެވެ.