ޖަރުމަނު ބުންޑަސްލީގާގައި ބަޔާން މިއުނިކުން ކްލޯން މައްޗަށް ކުރިހޯދާ ލީގުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބަޔާންއަށް އެއްވަނަ ލިބުނީ މެޗަށް ކުރިން އެއްވަނައިގަ އޮތް ލީޕްޒީގް ރޭ އެޓީމުކުޅުނު މެޗުން ބަލިވުމުންނެވެ. ޑޯޓްމަންޑް ވެސް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ބަޔާންއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮއްފައެވެ. މިއިން ކޮންމެ ޓީމެއް 6 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 15 ޕޮއިންޓެވެ.
ރަށުން ބޭރުގައި ބަޔާންއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ކްލޯންއާ ވާދަކޮށް 2-1 ލަނޑުންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ތޯމަސް މުލާ ޕެނެލްޓީއަކުން ބަޔާންއަށް ލީޑް ނަގައިދިން އިރު އެ ލީޑް އިތުރަށް ފުޅާކޮއްދިނީ ފުރަމަތަ ހާފުގެ އިތުރު ވަގުތުގައި ސާޖް ނެބްރީ އެވެ. ކުލޯންގެ ލަނޑު މެޗްގެ 82 ވަނަ މިނެޓަގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުން ކުޅެން އެރި ޑޮމިނިކް ޑްރެކްސެލާއެވެ.
ބްރޫޝިޔާ ޑޯޓްމަންޑް ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ރަށުން ބޭރުގައި ޑޯޓްމަންޑް ކުރިހޯދީ އަރްމީނިޔާ ބެލަފޭލްޑްއާ ވާދަކޮށް 2-0 ލަނޑުން ބަލިކޮށްގެންނެވެ. މެޗުގެ ޑޯޓްމަންޑުން ކާމިޔާބުކުރި ދެލަނޑުވެސް ދެވަނަފާހްގައި ޖަހައިދިނީ ޑިފެންޑަރު މެޓްސް ހުމެލްސްއެވެ. ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު އޮސްބާގް ވަނީ މެއިންޒްގެ މައްޗަށް 1-3 އިން ކުރި ހޯދާފައެވެ.